English Edition
Dhivehi Edition

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް، އަންނަ ހަފުތާގައި ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުން މަހްމޫދު އައްބާސްގެ މި ދަތުރުފުޅަކީ ޗައިނާ މެދުވެރިވެ، އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމު ކުރުމުގެ ވާހަކަތަކުގެ މަޝްވަރާ އަށް ކުރައްވާ ދަތުރުފުޅެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހޫއާ ޗުނިންގް އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މަހްމޫދު އައްބާސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅު ކުރައްވާނީ މި މަހުގެ 13 ން 16 އަށް ކަމަށެވެ.

އައްބާސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ވެސް ބުނެއެވެ.

ޗައިނާ ގެ ފޮރިން މިނިސްޓަރު ކިން ގަންގް، އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމަށް ބެއިޖިން ތައްޔާރަށް އޮތް ކަމަށް އޭޕްރީލް މަހު ވަނީ ވިދާޅުވެފައެވެ.

ކިން ގަންގް ބޭނުންފުޅު ވަނީ ދެ ދައުލަތް ހެދުމުގެ ހައްލުގެ މައްޗަށް ބިނާކޮށް އިޒްރޭލާއި ފަލަސްތީނާ ދެމެދުގައި މަޝްވަރާތައް ވީހާ ވެސް އަވަހަކަށް އަލުން ފެށުމަށް ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ.