English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ‘ދަ ޑިމޮކްރެޓްސް’ އަށް ސޮއިކުރި ފެނަކަ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކުރި މައްސަލަ ހޫނުވެއްޖެއެވެ.

އައްޑޫ ސިޓީ ފެނަކައިން ސަސްޕެންޑްކޮށްފައިވަނީ ސ.ފޭދޫ މަރިޔަމްއެވެ. އޭނާއަށް ފެނަކައިން ދިން ނޯޓިސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ނޯޓިސްގައި ބުނެފައިވަނީ ފެނަކައިގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަރިޔަމް 30 ދުވަހަށް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމަށް އެ ނޯޓިސްގައި ބުނެފައިނުވެއެވެ.

މީގެ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު މަރްޔަމް އަކީ ވަރަށް ބޮޑަށް ރައީސް ނަޝީދު އަށް ތާއިދުކުރާ ފަރާތެކެވެ. އަދި ދާދިފަހުން ‘ދަ ޑިމޮކްރެޓްސް’ އަށް މަރިޔަމް ސޮއިކޮށްފައިވާއިރު އެ ޕާޓީއަށް ސޮއިކުރާ މެމްބަރުންނަށް ބިރު ދައްކާ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އަދި ‘ދަ ޑިމޮކްރެޓްސް’ އަށް ތާއިދުކުރާ ބައެއް ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު އެ ޕާޓީއަށް ސޮއިކުރާ މީހުންނަށް ބިރު ދައްކާ މައްސަލަ ވަނީ މަޖިލީހަށްވެސް ހުށަހަޅާފައެވެ.