English Edition
Dhivehi Edition

ކާބޯތަކެތި ރައްކާތެރި ކަމާއެކު ބޭނުން ކުރަން ދަސްކޮށްދޭ ވޯކްޝޮޕެއް އައްޑޫހައިސްކޫލުގައި ރޭ ބާއްވައފިއެވެ.

އެއީ ސަބާ މޯލްޑިވްސްގެ މެންބަރުންނަށް ޚާއްސަކޮށްގެން ބޭއްވި ވޯކްޝޮޕެކެވެ. އޭގައި 25 މެންބަރުން ބައިވެރިވެފައިވެއެވެ. ރާއްޖޭގައި ސަބާ މޯލްޑިވްސްގެ 1200 އަށްވުރެގިނަ މެންބަރުން އުޅެއެވެ. އޭގެ ތެރެއިން އެއްއަތޮޅަކަށް ބަލާއިރު އެންމެގިނަ މެންބަރުން ތިބީ އައްޑޫ ސިޓީގައެވެ.

އައްޑޫގައި 350 އެއްހާ މެންބަރުން އުޅެއެވެ. ސަބާ މޯލްޑިވްސްގެ މެންބަރުންނަށް ވުމުގެ ފުރުސަތު ދެ ޖިންސުގެ މީހުންނަށްވެސް އޮވެއެވެ.

ރޭގެ ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދެއްވައިފައިވަނީ ގޭގައި ކާބޯތަކެތި އުފައްދާއިރު ސަމާލުކަންދޭންވީ ކަންކަމާ ބެހޭގޮތުންނެވެ. އޭގެ އިތުރަށް ކާބޯތަކެތި ރައްކާތެރި ގޮތުގައި ތައްޔާރުކުރާނެގޮތްވެސް ރޭ ކިޔަވައި ދެއްވިއެވެ.

މި ތަމްރީންގައި ކިޔަވައި ދެއްވީ ފުޑުސޭފްޓީ އޭޝިޔާގެ ބޭފުޅުންނެވެ. އެއީ ރާއްޖޭގެ (ގާތްގަނޑަކަށް) 75 އިންސައްތަ ރިސޯޓުގެ ޝެފުންނަށް ފުޑުސޭފްޓީއާބެހޭ ތަމްރީން ދެއްވާ ކޮމްޕެނީއެކެވެ.

ސަބާ މޯލްޑިވްސްއަކީ ގޭގައި ތިބެގެން މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ފުރުސަތު މީހުންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދާ ކޯޕަރޭޓިވް ސޮއިސީޓީއެވެ. “ގޭގައި ތިބެގެން އުފައްދާތަކެތި މާކެޓްކޮށް ވިއްކައި ތަމްރީންތަކަށް މީހުންނަށް މަގުފަހިކޮށްދިނުން ސަބާ މޯލްޑިވްސްގެ މައިގަނޑު މަގުސަދަކީ،” ސަބާމޯލްޑިވްސްގެ އިސްބޭފުޅަކު ވިދާޅުވިއެވެ.

ސަބާމޯލްޑިވްސްގެ ލަނޑުދަނޑިއަކީ ގޭގައި ތިބެގެން އުފައްދާ ތަކެތި ތައްޔާރުކޮށް ޕެކެޓް ކުރުމުން އެއަށް މާކެޓް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. އޭގެ އިތުރަށް އެފަދަ މީހުން އުފައްދާ ހަނދާނީ ހަދިޔާފަދަ ތަކެތި މާކެޓްކޮށްދީ ވިއްކުމަށް ސަބާ މޯލްޑިވްސްއިން އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.