ސަބާ މޯލްޑިވްސް އާއި ފުޓް ސޭފްޓީ އޭޝިއާ ގުޅިގެން އައްޑޫގައި “ފުޑް ސޭފްޓީ އެންޑް ހައިޖިން” ގެ ނަމުގައި އެއް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަބާ މޯލްޑިވްސް އިން ބުނެފިއެވެ.
ސަބާ މޯލްޑިވްސް އައްޑޫގެ ފޯކަލް ޕޮއިންޓް، އާމިނަތު ގުލްފިޝާމް ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އައްޑޫގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ސަބާގެ މެމްބަރުންނަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވޭނީ 30 މެމްބަރުންނަށެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7799388 މި ނަމްބަރަށް ގުޅުމުން ނަން ނޯޓުކުރެވޭނެ ކަމަށް ގުލްފިޝާމް ވިދާޅުވިއެވެ.
ސަބާ މޯލްޑިވްސް އަކީ، ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ތަކެތި މާކެޓްކޮށް އެތަކެތި ބާޒާރުގައި ވިއްކުމަށް ޚާއްޞަ ކޮށްގެން ސާކް ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން، 2013 ވަނަ އަހަރުގައި އިކޮނޮމިކް މިނިސްޓްރީން އުފައްދަވާފައިވާ ޖަމިއްޔާ އެކެވެ.