English Edition
Dhivehi Edition

“ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ” އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މި ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވަނީ މ. ފެހިވިނަ، މުހައްމަދު އާތިފަށެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދަ އާތިފަށް ދިންިއރު، މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އާތިފް ގެންދަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވަމުންނެވެ.

އެ ޕާޓީ ހެދުމުގެ ހުއްދަ ދިނުމާއިއެކު އާތިފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން އެ ޕާޓީއަށް ތިން ހާސް މެންބަރުންް ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށެވެ. އަދި ޕާޓީގެ ރަޖިސްޓްރޭޝަން ޕްރޮސެސް ދިގުލައިގެން ދިޔަނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީއަކީ ތައުލީމީ ބަޔަކު އިސްވެ އުފައްދާ ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޕާޓީގެ މެންބަރުން ތިބޭނީ ސިޔާސީ ގޮތުން ހަމަ ދުރުގައި ކަމަށާއި އެއީ ގައުމަށް ބަދަލުގެންނަން ބޭނުންވާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

އާތިފަކީ 2017 ވަނަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ ބައްޕައެވެ.