English Edition
Dhivehi Edition

ސާދަ އަހަރަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލި ފްރާންސްގެ އިތުބާރު ފޯވާޑް، ކަރީމް ބެންޒެމާ، ތިން އަހަރުގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދަށް ސޮއިކޮށްފިއެވެ.

ސައުދީ މީޑިއާތަކުން ރިޕޯޓްކޮށްފައި ވާ ގޮތުގައި ބެންޒެމާ، 35، ވަނީ އަލް އިއްތިހާދާ އެކު، ތިން އަހަރުގެ އެއްބަސްވުުމެއްގައި ސޮއިކުރީ 600 މިލިއަން ޕައުންޑުގެ އަގަކަށެވެ.

އަދި މި އެއްބަސްވުމާއި އެކު 2026 ވަނަ އަހަރުގެ ނިޔަލަށް ބެންޒެމާ އަލް އިއްތިހާދުގައި މަޑުކުރާނެއެވެ.

އަދި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބެންޒެމާ އަލް އިއްތިހާދުގެ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރަން ހާއްސަ އިވެންޓެއް ބޭއްވުމުގެ މަޝްވަރާތައް ވެސް ވަނީ ކުރެވިފަ އެވެ.

މި އިވެންޓް ބާއްވާނެ ވަކި ތާރީޚެއް ހާމަކޮށްފައި ނުވިނަމަވެސް ވަރަށް އަވަހަށް މިކަން ކުރިޔަށްދާނެ ކަމަށް ސައުދީ މީޑިއާތަކުން ބުނެއެވެ.

އަލް އިއްތިހާދުން އެ ޓީމަށް ބެންޒެމާގެ ސޮއި ހޯދިއިރު، މީގެ ކުރިން އެ ލީގުގެ އަލް ނަޞްރުން ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއިހޯދާފައެވެ. ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު 200 މިލިއަން ޕައުންޑަށެވެ.

ބެންޒެމާ ރެއާލްގައި ހޭދަކުރި 14 އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް ކުޅެދިން 648 މެޗުން 354 ގޯލު ޖަހައިފަ އެވެ. ބެންޒެމާ ވަނީ ރެއާލަށް ކުޅުނުއިރު ޖުމްލަ އެކު، 25 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ހިމެނެ އެވެ.

ސައުދީގެ އަލް ހިލާލް އިން އަންނަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގެންދަން މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ދާދި ފަހުން ޕީއެސްޖީ ދޫކޮށްލިކަން އިއުލާން ކުރި ޑިފެންޑަރ ސާޖިއޯ ރާމޯސް ވެސް އަންނަ ސީޒަނުގައި ސައުދީ ލީގުން ފެނުމުގެ ފުރުސަތު ބޮޑެވެ. ރިޕޯޓުތައް ބުނާގޮތުން ރާމޮސް ފެނިގެން ދިއުން އެންމެ ގާތީ ރޮނާލްޑޯގެ ކުލަބް އަލް ނަޞްރުންނެވެ.