English Edition
Dhivehi Edition

ދަރިންނަކީ މާތް ﷲ އަޅުގަނޑުމެންނާއި ހަވާލުކުރައްވަވާފައިވާ އަގުބޮޑު އަމާނާތެކެވެ. ކުރެވޭ ބޮޑު އިމްތިހާނެކެވެ. އެ ދަރިން ހެޔޮގޮތުގައި ބަލާ ބޮޑުކުރުމަކީ ގިނަ ގުނަ ދަރުމައާއި ސަވާބު ލިއްބައިދޭ ކަމެކެވެ.

ކަން މިހެން އޮތްއިރު، ކޮންމެ މަންމައަކާއި ބައްޕައަކަށް ވެސް އެ ބަޔަކަށް ލިބޭ ދަރިން ރަނގަޅު ގޮތުގައި އިސްލާމީ ރިވެތި އުސޫލުތަކާއި އެއްގޮތައް ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށް ބަލާ ބޮޑުކުރުމުގައި މަންމައާއި ބައްޕަގެ ދައުރު ތަފާތުވި ނަމަވެސް ދަރިންގެ ޒިންމާ ދެމީހުންނަށް ވެސް ހަމަހަމައެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ނަޒަރުގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކޮށް ދަރިން ބަލާ ބޮޑުކުރުމުގެ ހުރިހާ ބުރައެއް އުފުލަން ޖެހޭ ހަމަ އެކަނި ފަރާތަކީ މަންމައެވެ.

އުންމަތްތަކާއި، މިއްލަތުތައް ތަރްބިޔަތު ކުރެއްވުމުގެ މަސްއޫލިއްޔަތު ނަބީބޭކަލުންނާއި، ރަސޫލުބޭކަލުންނާ މަތިކުރެއްވިފަދައިން ޢާއިލާގެ މެމްބަރުންގެ ތަރްބިޔަތު ޙަވާލުކުރައްވައިފައިވަނީ ޢާއިލާތަކުގެ އިސްމީހުންނާއެވެ. ޚާއްޞަކޮށް ދަރިން ތަރުބިޔަތުކުރުމުގެ ޒިންމާ އަޅުއްވައިފައިވަނީ މައިންބަފައިންގެ ކޮނޑުގައެވެ. އަރަހުށި މާތްﷲ އިރްޝާދު ދެއްވައިފައިވަނީ މިދަންނަވާ މޭރުމުންނެވެ.

” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި ތިޔަބައިމީހުންގެ އަހްލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ.” (އައްތަޙްރީމު : 6)

ސައްޔިދު ޤުޠުބު ޝަހީދު މިއާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވާ ގޮތުގައި އިންސާނާ އޭނާގެ އަމިއްލަ ނަފުސު އިސްލާޙުކޮށް ހިތް ޠާހިރު ކުރަން މަސައްކަތްކުރުން ވާޖިބު ފަދައިން ތިމާގެ ގޭގެ އަހްލުވެރީން އިސްލާޙުކޮށް ތަރްބިޔަތުކުރުން ވާޖިބެވެ. އެ މައްސަލައިގައި އޭނާ ޖަވާބުދާރީވާންޖެހެއެވެ. ދަރީންގެ ތަރްބިޔަތާ ބެހޭގޮތުން އަރަހުށި މާތްﷲ ޤިޔާމަތް ދުވަހުން މައިންބަފައިންގެ ކިބައިން ހިސާބު ހިއްޕަވާނެއެވެ. ޢައްލާމާ އިބުނުލްޤައްޔިމު ރަޙިމަހުﷲ ވިދާޅުވާގޮތުގައި އަރަހުށި މާތްﷲ ޤިޔާމަތްދުވަހުން ދަރިފުޅު ބައްޕަގެ ހައްޤު އަދާކުރި ގޮތާމެދު ސުވާލުކުރެއްވުމުގެ ކުރީން ސުވާލުކުރައްވާނީ ބައްޕަ ދަރިފުޅުގެ ތަޢުލީމާއި ތަރްބިޔަތާއި އެހެނިހެން ޙައްޤުތައް އަދާކުރި ގޮތަކާމެދުގައެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވާގޮތުންވެސް ކޮންމެ ބެލެހެއްޓުންތެރިޔަކާވެސް އެމީހެއްގެ ބެލުމުގައި ދަށުގައި ތިބި ބަޔެއްގެ ކަންތައް ބެލެހެއްޓި ގޮތަކާމެދު ސުވާލުކުރެއްވޭނެއެވެ.

ކަން މިހެން އޮތްއިރު، ދަރިފުޅުގެ ހުރިހާ ޒިންމާއެއް ދަރިފުޅުގެ މަންމަގެ ބޮލަށް ޖަހާފަ ސަލާމަތް ވެވޭކަށް ނެތެވެ. މަންމައެކޭ އެއްފަދައިން ބައްޕައަކީ ވެސް ދަރިންނަށް ހެޔޮތަރުބިޔަތު ދިނުމުގައި ޒިންމާ ނަގަން ޖެހޭ ފަރާތެކެވެ. ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި ވެސް ހިއްސާ އޮންނަ ޖެހޭ ފަރާތެކެވެ. ދަރިފުޅަށް އަޅާލުމާއި އޯގާތެރިކަން ދޭން ޖެހޭ ފަރާތެކެވެ.

ކަން އޮންނަގޮތް މިހާ ސާފު ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް ފިރިހެނުންގެ ނަޒަރުގައި ދަރިންގެ ހުރިހާ ބުރައަކާއި މަޝަޢޫލިއްޔަތުތަކެއް އަދާކުރަން ޖެހެނީ ދަރިންގެ މަންމައެވެ. ބައްޕަގެ ހަމަ އެކަނި ޒިންމާއެއް ކަމުގައި ދެކެނީ ވަޒީފާ އަދާކޮށް ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރުން އެކަންޏެވެ. އިތުރު ޒިންމާއެއް ބައްޕަގެ ނޯންނަކަމަށް މިފަދަ ފިރިހެނުން ދެކެއެވެ.

ދަންނަވަން ހެއްޔެވެ. ދަރިންގެ މަންމަ އަކީ ގޭގައި ވަޒީފާއެއް އަދާ ނުކޮށް ތިބޭ ބައެއް ނަމަވެސް އެމީހުން ގޭގައި ތިބެގެން އެ އުފުލާ ބުރަ ލާރިހޯދަން އަދާކުރާ ވަޒީފާއަށްވުރެ އެތަކެއް ހާސްގުނަ ބުރައެވެ. 24 ގަޑިއިރު މަންމަ ދަރިންގެ ހައްޤުގައި ތެޅި މަރުވާ މަންޒަރު ފެނެއެއް ނޫންހެއްޔެވެ. ތެދެކެވެ. ދަރިންގެ އިޙުސާްތައް އެންމެ ރަނގަޅަށް ދެނެގަންނަށް އެނގޭ ބަޔަކީ މައިންނެވެ. ގިނަ ބައްޕައިންނަށް މިކަން އިޙުސާސް ނުކުރެވެއެވެ. އެހެން ކަމުން ބައްޕަގެ މަޝަޢޫލިއްޔަތަކީ ހަމަ އެކަނި ވަޒީފާ އަދާކޮށް ދަރިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރުމޭ ބައްޕަ ބުނެލަފާނެއެވެ.

ވިސްނާލާށެވެ. ބައްޕައެއްގެ ޒިންމާދަށުގައި ވާ ކަމަކީ ހަމައެކަނި ފައިސާ ހޯދުމެއް ނޫނެވެ. މިގޮތަށް ވިސްނުން ހުންނަ ނަމަ މިއީ ވަރަށް ބޮޑު އޮޅުމެކެވެ. މި ލިޔުމުގައި ކުރިން ބަޔާންވެ ދިޔަ ﷲގެ ވަހީ ބަސްފުޅުންވެސް މިކަން ވަރަށް ރަނގަޅަށް އެނިގިގެން ދެއެވެ. ބައްޕަ ވަޒީފާ އަދާކޮށް ދަރިންނަށް ކުރަން ޖެހޭ ހަމަ އެކަނި ޚަރަދުތަކޮށްލުކަމުން ނުފުދެއެވެ. ދަރިން ތަރުބިޔަތު ކޮށް އެދަރިން މުޖުތަމަޢު ބަލައިގަންނަ ފަދަ ރަނގަޅު އަޚުލާގެއްގެ ދަރިންނަށް ހެދުމުގައިވެސް މަންމަގެ އިތުރުން ބައްޕަގެ ދައުރު ވެސް ބޮޑުކޮށް އޮންނަންޖެހެއެވެ.

ހުރިހާ ބައްޕައިންނަށް ވެސް ބުނެލަން ބޭނުން އެއްޗަކީ ދަރިންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށް އެކުދިންނަށް ތަރުބިޔަތު ދީ އެކުދިން ބަލާ ބޮޑުކުރުމަކީ ހަމަ އެކަނި ދަރިންގެ މަންމަގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ނުދެކޭށެވެ. އެއީ ބައްޕައެއްގެ ވެސް ޒިންމާއެކެވެ.