English Edition
Dhivehi Edition
ރައީސް ސޯލިހް އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުން-ފޮޓޯ:ރައީސް އޮފީސް

އައްޑޫ ސިޓީއަށް ލިބެމުން އަންނަ ކުރިއެރުމާ ތަރައްޤީއަކީ ރައްޔިތުން މި ސަރުކާރަށް ކުރި އިތުބާރުގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް މިހާރު ކުރިޔަށްއެދަނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަންކަމުގެ ގޮތުގައި މީގެ ކުރިން އެމަނިކުފާނަށް ހުށަހަޅާފައިވާކަންތައްތައް ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫޢުތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހުރިހާ މަސައްކަތެއް ނިމޭއިރު އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ ގޮތުން ކުރަންޖެހޭނެ މަދުކަމެއް ފިޔަވައި ދެން ކުރާނެ އެހެން ކަމެއް ނުހުންނާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށް ގެންނަންޖެހޭ ހެޔޮބަދަލުތައް ގެންނަވާނެކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތި ނުވިނަމަ މިހާތަނަށް އައިއިރު އެމަސައްކަތް އޮންނާނީ ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވި ސަރުކާރުގެ މި ދައުރުގައި އެންމެ އިސްކަމެއްދީނީ ޤައުމުގައި ހަމަޖެހެން ގާއިމުކުރުމަށްކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެންމެ އިސްކަމެއް ދެއްވާނީ އެކަންކަމަށްކަން ފަހަގަކުރައްވަމުން ރައީސް ވިދާޅުވީ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށާއި ދެ ޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށް މިހާރަށްވުރެ ބޮޑަށް ކުރިޔަށް އޮތް ތަނުގައި އިސްކަން ދެއްވާނެ ކަމަށެވެ.