English Edition
Dhivehi Edition
ރައީސް ޞާލިޙް އާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު - ފޮޓޯ: ޓްވިޓާ (ރައީސް ނަޝީދު)

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް “ޗޯރު އިބުރޭ” ގެ ނަމުން މުޚާތަބު ކުރީމަ ކަންބޮޑުވާނަމަ އެއީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޗެނަލް 13 އިން ދެއްކި 3 ލަވައެއްގެ ސަބަބުން ރައީސްގެ ގަދަރަށް އުނިކަން ލިބޭ ކަމަށް ބުނެ، ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ މައްސަލައެއް ބަލަން ފަށާފައެވެ. އަދި އެ މައްސަލައިގައި ވަކި ގޮތެއް އަންގަންދެން، އެ ލަވަތައް ނުދެއްކުމަށް ޗެނަލް 13 އަށް އަންގަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެކަން ކުށްވެރިކުރައްވާ، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިނަމަވެސް، އެ މައްސަލަ އަށް ބަހުސް ކުރަން ފާހެއް ނުވެއެވެ. އެހެންނަމަވެސް ބައެއް މެންބަރުން ވަނީ އެ މައްސަލައާ ގުޅުވައިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މައި ސިޔާސީ ހަރަކާތަކީ ވެރިންނަށް ފާޑުކިޔުން ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް އޭރު ގެނައީ އެމަނިކުފާނަށް ނިސްބަތްކޮށް ކިޔަން ފެށި ވަނަމަކުން ކަމަށެވެ.

މީގެ އިތުރުން ރައީސަކަށް އޭރު ހުންނެވި ނަޝީދަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިސްބަތްކޮށް ގޮވި ވަނަންތަކުގެ ހަނދާން ވެސް އާ ކުރައްވާ އީވާ ވިދާޅުވީ ވަނަމުން މުޚާތަބުކޮށް ވެރިންނަށް ފާޑުކިއުމަކީ އިދިކޮޅުގެ ސިޔާސީ އުކުޅެއް ކަމަށެވެ.

މިކަމަށް އިޝާރާތް ކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީގެ ރައީސުންނާ މުޚާތަބުކުރުމަށް ބޭނުން ކުރި ވަނަންތައް މެންބަރުންނަށް ހަނދާންކޮށް ދެއްވާފައެވެ.

އެގޮތުން ކުރީގެ ރައީސް އަލްމަރްހޫމް އިބްރާހީމް ނާސިރަށް “ކަރުކުރު ބައިސާ” ކިޔާފައިވާ ކަމަށާއި ރައީސް މައުމޫނަށް “ގޮޅާބޯ” ކިޔާފައިވާކަން ފާހަކުރެއްވިއެވެ. އަދި އެމަކުފާނަށް “ގަންޖާބޯ” ކިޔާފައިވާ ކަމަށާއި ޑރ. މުހައްމަދު ވަހީދަށް “ބާގީ ވަހީދު” އަދި ރައީސް އަބްދުﷲ ޔާމީނަށް “ރާގޮނޑި ރާޖާ” ކިޔާފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެ ނަންތައް މަޖިލީހާއި އެކި ތަންތަނުގައި އެކި ފަހަރު މަތިން ބޭނުން ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މިއަދު ޗޯރު އިބުރޭ ކިއީމާ އެކަމާ ހަމައިން ނައްޓައިގެން ދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ، އެއީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.