English Edition
Dhivehi Edition

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ސޮއިކުރާ ސަރުކާރުގައި ތިބި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ، އެ ޕާޓީން އެކަން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހަރަކާތްތެރިވާ ޒުވާނުންނާއި ޢާންމުންނަށް އެކިގޮތްގޮތުން ބިރުދައްކައި، ވަޒީފާއިން ވަކިކޮށް ހިންގާ ނާއިންސާފު ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ޕާޓީން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ އެމްޑީޕީގެ ސްލޮޓުތަކުގައި ތިބެ، ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރުމުން އާސިޔަތު އަލައިކާ ޢަދްނާންއާއި، މުޙައްމަދު ޙަމްދާން އަދި އަންޞާރު ޢަބްދުއްސައްތާރާއި އަދިވެސް އިތުރު މީހުން ވަޒިފާއިން ވަކި ކުރަމުންދަނިކޮށެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ އެ ފަރާތްތަކަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށާއި، ކުރީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޢަދަދު ނުކުރެވޭހައި ބުރަ މަސައްކަތް ކޮށްފައިވާ ޒުވާން ސިޔާސީ ލީޑަރުން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޕެއިންގައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ އިތުރުން ކެންޕެއިން ރޭވުމާއި ހިންގުމުގެ އިސް ޙަރަކާތްތެރިން ކަމަށެވެ.

މީގެ އިތުރުން ފަންނީގޮތުންނާއި، ޢިލްމީގޮތުން ޤާބިލު، ހީވާގިކަމާއެކު މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުލަމުންދިޔަ ބޭފުޅުން ކަމަށް ވެސް ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނީ ސިޔާސީގޮތުން ޚިޔާލު ތަފާތުވުމުން ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޤާބިލު ފަރާތްތަކަށް ޚިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ޤައުމުގެ މުސްތަޤްބަލަށް އެޅޭ ހިޔަންޏެއް ކަމަށާއި މިވެރިކަން ގެންނަމުން ނުކުރާނެ ކަމަށް ވަޢުދުވީ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ބުނީ 9 ސެޕްޓެންބަރު 2023 އަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ މައި ކޯލިޝަން ޕާޓްނަރަކު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދު ނުކުރައްވާނެ ކަމަށާއި، ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިޢުލާންކުރައްވާފައިވާ ކަމަށެވެ. އަނެއް ކޯލިޝަން ޕާޓްނަރަކު ވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ އިންތިޚާބުގައި ތާޢީދެއް ނުކުރައްވާ ކަމަށާއި އެހެނަސް އެޕާޓީތަކުގެ މެންބަރުން ތިބީ ސިޔާސީ މަޤާމުތަކުގައި، އާރާއި ބާރު ހިންގުމުގައި ކަމަށާއި އެއްވެސް މެންބަރަކަށް އިންޒާރުދީ، ވަކި ނުކުރާ ކަމަށެވެ.

އެހެންކަމުން މަޤާމުން ވަކިކުރި ސިޔާސީންނަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުނުކޮށްގެން ވަކިކުރި ބައެއް ނޫން ކަމަށާއި އެހެނެއްކަމަކު ދަ ޑިމޮކްރެޓްސްގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ވަކިކުރި މީހުން ކަމަށެވެ. އަދި އެ ޕާޓީއަށް ފައުޅުގައި ތާޢީދުކުރުން ހުއްޓުވުމުގެ ނިޔަތުގައި ކުރި ކަމެއް ކަމުގައި ވެސް ބުނެއެވެ.

ދަ ޑިމޮކްރެޓްސް ދެކޭގޮތުގައި މިމަގުން މަޤާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފިނޑިކަން ކަމަށާއި އެޕާޓީގެ މެންބަރުންނާމެދު ޒާތީވެ ތަޢައްސުބު ގެންގުޅޭ ކަމެއް ކަމަށެވެ. އަދި ސަރުކާރުގެ އަނިޔާވެރިކަމާއި، ތަފާތުކުރުމާއި، ނަހަމަކަން ކަމަށެވެ.