English Edition
Dhivehi Edition
ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން

ތުރުކީ ވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަބުރުގެ ވޯޓުން، މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން އެއިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

އިންތިހާބުގެ ދެ ވަނަ ބުރު އިއްޔެ ބޭއްވީ މިމަހުގެ 14 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ވޯޓުލުމުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓް ނުލިބުމުންނެވެ.

ދެ ވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަ ބުރުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންނާއެކުގައެވެ. އެއީ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (އޭ.ކޭ. ޕާޓީ)އިން ރަޖަބު ތައްޔިބު އުރުދުޣާން އާއި ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އުރުދުޣާން އިންތިޚާބު ކާމިޔާބު ކުރެއްވީ 52.14 އިންސައްތަ ވޯޓުންނެވެ. ކަމާލް އަށް ލިބިވަޑައިގެންނެވީ 47.86 ވޯޓެވެ.

ފުރަތަމަ ބުރުގައި އުދްރުޣާންއަށް 49.52 އިންސައްތަ ވޯޓް ލިބުނު އިރު، ކަމާލް އަށް ލިބުނީ 44.88 އިންސައްތަ ވޯޓެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އުރުދުޣާންގެ ވެރިކަން 25 އަހަރަށް ދެމިގެން ދިއުމުގެ ފުރުސަތު ފަހިވެގެން ދިޔައީއެވެ. އިއްޔެ ބޭއްވި އިންތިހާބު އުރުދުޣާން ކާމިޔާބު ކުރެއްވިއިރު މިއީ ރައީސް ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ކުރެއްވުމެވެ. އޭގެ އިތުރުން އުރްދުޣާން ކުރިން ވަނީ ބޮޑުވަޒީރުކަމުގެ މަގާމުވެސް ފަސް އަހަރުގެ ދެ ދައުރެއްގައި ކުރައްވާފައެވެ.

ފެންނަ ނުފެންނަ ވޯޓެއް ނަގައި ތުރުކީގެ ބޮޑުވަޒީރުގެ މަޤާމް އުވާލާފައިވަނީ އުރުދުޣާންގެ ބޮޑުވަޒީރު ކަމުގެ ދެ ވަނަ ދައުރުގައި، 2017 ވަނަ އަހަރު އެވެ.