English Edition
Dhivehi Edition

ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗުއާރުސީއެމް) ގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ. އެމަގާމަށް ޒާހިދު އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމަގަމަށް ޒާހިދު ގެންންވަން ބޭނުންނުވާ ކަމަށް 5 މެންބަރުން ވޯޓު ދެއްވިއެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާވެސް 5 މެންބަރުން ތިއްބެވިއެވެ. އެމަގާމަށް ޒާހިދު އައްޔަން ކުރައްވަން ރައީސް ޔާމީން ނިންމެވީ ކުރިން އެމަގާމުގައި ހުންނެވި ޝިފާގު މުފީދު އިސްތިއުފާ ދެއްވުމުންނެވެ. ޝިފާގު މިހާރު އަދާކުރައްވަމުން ގެންދަވަނީ ހޯމްމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމެވެ. ޒާހިދަކީ އެޗުއާރުސީއެމްގެ މެންބަރުކަން ކުރިންވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެކޮމިޝަންގެ ނާއިބު ރައީސްކަންވެސް އޭނާ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކޮމިޝަނުގައި މަސައްކަތް ކުރައްވާނެ ފުރުސަތު އަލުން ލިބިވަޑައިގެންނެވުމުން އުފާފުޅު ކުރައްވާ ކަމަށެވެ.