English Edition
Dhivehi Edition

ޖުމުހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް ޓިކެޓް ހަވާލުކުރުން ޖޫން މަހު ބާއްވަން ނިންމައިފިއެވެ.

އެ ޕާޓީން ހާމަކުރި ގޮތުގައި ރިޔާސީ ކެންޑިޑޭޓްއާއި ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް މިހާރުނިންމާފައިވަނީ އަންނަ ޖޫންމަހުގެ 9 ވަނަދުވަހު ކަމަށެވެ. އަދި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ.

އެޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުން ނިކުންނެވުމަށް ހަމަޖެހިފައިވަނީ އެޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމްއެވެ.

ގާސިމް އިބުރާހިމް ރިޔާސީ އިންތިޚާބަށް ނިކުންނެވުމަށް އެންމެ ފަހުން ބޭއްވުނު ޖޭޕީގެ ގައުމީ ކޮންފަރެންސްގެ ގަރާރަކުން ފާސްކުރުމަށްފަހު ކައުންސިލުގެ އަޣުލަބިއްޔަތުންވަނީ ފާސް ކޮށްފައެވެ.

ގާސިމް ރިޔާސީ އިންތިޚާބަށް ނިކުންނަވާއިރު، އެޕާޓީ އަދިވެސް އޮތީ ރައީސް ސާލިހުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައެވެ. އަދި ސަރުކާރުގެ ކެބިނެޓްގައިވެސް ޖޭޕީގެ ވަޒީރުންވެސް އެބަތިއްބެވިއެވެ. އޭގެ ތެރޭގައި ގާސިމް އިބުރާހިމްގެ އަނބިކަބަލުން އައިޝަތު ނަހުލާވެސް ހިމެނިވަޑައިގަންނަވައެވެ.

ޖުމުހޫރީ ޕާޓީން މިހާރުވަނީ ޕާޓީގެ ކެމްޕޭން މެނޭޖަރުންގެ ގޮތުގައި ދެ ބޭފުޅަކު ހަމަޖައްސަވާ ކެމްޕޭން ޓީމުތައް އެކުލަވާލެއްވުމަށްފަހު، ކެމްޕޭނަށް ޕާޓީގެ މެމްބަރުން ތައްޔާރު ކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތަކެއްވެސް ބާއްވާފައެވެ.

އެޕާޓީން ވަނީ މި ޖަލްސާއަށް އެޕާޓީގެ އެންމެހާ ސަޕޯޓަރުންނަށާއި ޕާޓީއަށް ހެޔޮއެދޭ ފަރާތްތަކަށްވެސް ދައުވަތު އަރުވާފައެވެ.