English Edition
Dhivehi Edition

ރާއްޖޭގެ މަޝްހޫރު އަމިއްލަ ކޮލެޖެއް ކަމަށްވާ އެވިޑް ކޮލެޖުގެ ދެ ކޯހެއް އަވަށްޓެރި ސްރީލަންކާގެ ކޮލެޖެއްގައި ކިވައިދޭން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އެވިޑް ކޮލެޖުގެ ޗެއާމާން ޢަބްދުﷲ މުސްތާގު ރަޝާދު ވިދާޅުވީ ލަންކާ ކޮލެޖުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މާސްޓަރސް އޮފް ޓީޗިން (ޕްރައިމަރީ) އާއި މާސްޓަރސް އޮފް ޓީޗިންގް (ސެކަންޑަރީ) މި ދެ ކޯހަށް ކަމަށެވެ.

މުސްތާގު ވިދާޅުވީ ރާއްޖެއަށް މިދެކޯސްވެސް ފުރަތަމަ ތައާރަފްކޮށް ކިޔަވައިދޭން ފެށީ އެކޮލެޖުން ކަމަށެވެ. “އެހެންވީމާ ދިވެހި ޕްރޮޑަކްޓެއް ބޭރުގެ ގައުމަކުން ބަލައިގަނެ ބޭނުން ކުރަން ޝައުގުވެރިކަން ފާޅުކުރުމަކީ ރާއްޖެއަށް ލިބިގެންދާނެ ވަރަށްރީތި ނަމަކަށްވާނެ،” ތައުލީމީ މުއައްސަސާތައް އުފައްދައި ހިންގުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމް މިއަހަރު ހާސިލް ކުރެއްވި މުސްތާގު ވިދާޅުވިއެވެ.

ލަންކާ ކޮލެޖުގައި މި ދެކޯސް ފެށުމަށް ވާނަޖެހޭ ތައްޔާރީތަކާއި އެއްބަސްވާންޖެހޭ ކަންކަމާބެހޭ ގޮތުން މިހާރުދަނީ ވާހަކަ ދައްކަވަމުންނެވެ. މި ދެކޯސް ލަންކާ ކޮލެޖުގައި ހިންގާއިރު އެވިޑު ކޮލެޖުގެ ބައެއް ލެކްޗަރާއިންވެސް އެކޮޅަށް ދާނެ ކަމަށް މުސްތާގު ވދާޅުވިއެވެ.

އެވިޑު ކޮލެޖަކީ ވަރަށްބާރަށް ކުރިއަރައި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަޝްހޫރުކަން ހޯދައިފައިވާ ކޮލެޖެކެވެ. އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓާސް އޮފް ޓީޗިން ގެ އިތުރަށް މާސްޓަރސް އޮފް އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯސްވެސް އެވިޑުން ގެންދަނީ ހިންގަމުންނެވެ.