English Edition
Dhivehi Edition

ހުކުރު ދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ ޚާއްޞަ ދުވަހެވެ. މިދުވަސް ޚާއްޞަވުމުގެ ސަބަބުތައް ގިނައެވެ. މި ދުވަހަށް ޚާއްޞަ ކުރައްވައި އަޅުކަންތައް ލައްވާފައިވުމީ މި ދުވަހުގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ ކަމެކެވެ. ހުކުރު ވިލޭރެއިން ފެށިގެން، އެ ދުވަހުގެ މާތްކަން ފެށެއެވެ.

މި ދުވަހުގެ މަތިވެރިކަން އިތުރުވެގެންދަނީ މިދުވަހަށްޓަކައި ޚާއްޞަވެގެންވާ ނަމާދެއް ލައްވާފައިވުމެވެ. އެއީ ހުކުރު ނަމާދެވެ. ހުކުރުނަމާދަކީ ފިރިހެނުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި، މިނިވަން، އަދި ހުކުރު ނަމާދުކުރުމަށް ކުޅަދާނަވެގެންވާ ކޮންމެ ފިރިހެނެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! (ޖުމްޢަ).

ހުކުރު ނަމާދަށް އަވަހަށް ދިއުމަކީ ޘަވާބާއި ދަރުމަ އިތުރުވާ ކަމެކެވެ. މަތިވެރި އަޅުކަމެކެވެ. އަދި ހުކުރު ނަމާދަށް ދިޔަ މީހުންގެ ލިސްޓުގައި ތިބާގެ ނަން އޮންނާނީވެސް އޭރުންނެވެ. ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެތެވެ. އަދި ހުކުރަށް އަންނަ މީހުން، އެމީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެތެވެ. އިމާމު މީހާ މިންބަރަށް އެރުމުން މަލާއިކަތް ބޭކަލުންވެސް ފަތްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑުއެއްސެވުމަށް ތިއްބަވާނެއެވެ.

ހަމަގައިމުވެސް ދުނިޔަވީ ކަމެއްގައި ތިބާއަށް ފައިދާއެއް ލިބެން އޮތިއްޔާ އެތަނަކަށް އެންމެ އަވަހަށް ދާނެއެވެ. މިކަމަކީ އެއަށްވުރެވެސް ފައިދާ ބޮޑު ކަމެކެވެ. ޘަވާބާއި ދަރުމައިގެ ގޮތުންނެވެ. ގެއްލިގެން ނުދާނެ ދަރުމައެކެވެ.
ހުކުރު ނަމާދަށް ރައްކާތެރި ވުމަކީ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެނީ، ޝަރުޢީ ޢުޛުރަކާ ނުލައި ހުކުރު ނަމާދު އަޅައިފި މީހަކު ފާފަވެރިވާނެއެވެ. އަދި ކިއެއްތަ އެއީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

“ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަ ޖައްސަވާ ހުއްޓެވެ.” ހަމައެހެންމެ ހުކުރު ނަމާދަށް ދިއުމަށްޓަކައި ދަތް އުނގުޅުމާއި، ރީތިވުމާއި، މީރުވަސް ދުއްވުމާއި، އަދި އެންމެ ރީތި ހެދުމެއްލުމަކީ ސުންނަތްވެގެންވާ ކަންތައްތަކެވެ. އަދި ހުކުރު ނަމާދަށް ދިއުމަށްޓަކައި ހިނައިގަތުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި ޚުޠުބާ ކިޔަމުންދާ ވަގުތުގައި ވާހަކަދައްކާ ހެދުމަކީ މަކުރޫހަ ވެގެންވާ ކަމެކެވެ.

ހުކުރު ދުވަހުގެ މާތްކަމުން ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މުސްލިމުން ކަށްވަޅުގެ ޢަޒާބުން ސަލާމަތް ކުރައްވައެވެ. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރިގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ.” (ތިރްމިޛީ).

މަޢުލޫމާތް: ދީނީ ޢިލްމުވެރިންގެ ފަަތުވާތަކުން