English Edition
Dhivehi Edition
ހަންބޯ ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތައް/ފޮޓޯ މިހާރު

ހަމްބޯ ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލީ އޭނާ ނޫން ކަމަށާއި އެކަން ކުރަނީ ކުންފުނީގެ ޗައިނާ ޕާޓްނަރު ކަމަށް ހަސަން މަމްދޫހު މިއަދު ބުނެފި އެވެ.

ކޭޕާކު މައްސަލާގައި މަމްދޫހަށް ގިނަ ތުހުމަތުތަކެއްކޮށް އޭނާގެ ތަހުގީގު ފަށާފައިވަނިކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައި އޭނާ ބުނީ ހަންބޯ މޯލްޑިވްސްގެ އެމްޑީގެ މަގާމުގައި ހުރި ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝީހޫ އޭނާގެ އަބުރު ކަތިލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތައް ކަންކުރަނީ ޖިން ޝީހޫގެ ރޭވުމުގެ މަތިން ކޭޕާކު ފުލެޓުތައް ވިއްކައިގެން ލިބުނު ފައިސާއާއެކު ރާއްޖެއިން ފިލުމަށް ކުރި މަސައްކަތް މަމްދޫހު ނާކާމިޔާބު ކޮށްލުމުން ކަމަށް ވެސް އޭނާ ބުނެ އެވެ.

ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު މަމްދޫހު (ވ)/ފޮޓޯ ފޭސްބުކް

އޭގެ އިތުރުން ހަންބޯ މޯލްޑިވްސް ކުންފުންޏަކީ ކޭޕާކު ފުލެޓުތަކުގެ މަސައްކަތަށް ލޯކަލް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ހެދި ކުންފުންޏެއް ކަމަށާއި އެ މަޝްރޫއުގެ ވެރިފަރާތުގެ ހައިސިއްޔަތުން ހަންބޯ ކޮރެއާއަށް ލިބިދޭ ބައެއް ބާރުތައް ވަގުތީގޮތުން އެ ކުންފުނީގެ ބޯޑު ރިޒޮލިއުޝަނަކުން ލޯކަލް އެޖެންޓަށް ދީފައިވާ ކަމަށް ވެސް މަމްދޫހު ބުނެ އެވެ.

އެގޮތުން، ދީފައިވާ ބާރުތަކުގެ ތެރޭގައި ފުލެޓުތަކަށް ލިބޭ ފައިސާ ބަލައިގަތުން އޮތް ނަމަވެސް އެއީ ލޯކަލް އެޖެންޓުގެ ފައިސާ ނޫން ކަމަށް ވެސް މަމްދޫހު ވަނީ ފާހަގަކޮށްފަ އެވެ.

ލޯކަލް އެޖެންޓުގެ ގޮތުން ހަންބޯ މޯލްޑިވްސް ހިންގުމުގައި އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާދާރު ޖިން ޝީ ހޫގެ އެކައުންޓުން އަބަދުވެސް ހަރަކާތްހިންގި ކަމަށާއި، އެކަމުގެ ހެކި އެބަހުރި ކަމަށް ވެސް މަމްދޫހު ބުނެއެވެ.

ކޭޕާކު ފުލެޓުތައް އެޅުމަށް ޖިން ޝީހޫއާއި އޭނާގެ ކޮރެއާ ކުންފުނިން އެއްވެސް ހަރަދެއް ނުކުރާ ކަމަށާއި ފުލެޓުތައް އެޅުމަށް ބޭނުންކުރީ މީހުން އަތުން ނެގި ފައިސާ ކަމަށާއި ކުންފުނީގެ އެހެން އިދާރީ ކަންކަންވެސް ކުރީ މަމްދޫހުގެ މަސައްކަތުން ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

މިކަމާ ގުޅިގެން ، ހަންބޯ ކޮރެއާ އިން ނެރުނު ބަޔާނުގައި ފުލެޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ކަމަށް ބުނެފައިވީ ނަމަވެސް ސޮއި ފޯޖުކުރުމުގެ ތުހުމަތަށް މަމްދޫހުގެ ބަޔާނުގައި ޖަވާބުދީފައެއްނުވެ އެވެ.

އޭނާގެ ބަޔާން ނިންމާލަމުން މަމްދޫހު ބުނެފައިވަނީ އެކަމުގެ ތަހުގީގުގައި ދައުލަތުގެ ހުރިހާ އިދާރާއަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި އަސްލު ހަގީގަތުގައި އާންމުންނަށް އޮޅުވާލަމުންދަނީ ޖިން ޝީހޫއާއި އޭނާގެ ކޮރެއާ ކުންފުނިން ކަމަށެވެ.

ހަމްބޯޓެކް ކޮރެއާއިން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ކޭޕާކް ރެސިޑެންސް ވިއްކުމުގައި އެކުންފުނީގެ މައިނޯރިޓީ ޕާޓްނަރު ހަމްބޯ މޯލްޑިވްސްއިން މަކަރު ހެދި ކަމަށް ތުހުމަތުކޮށް އެކަން ތަޙުގީގުކޮށްދިނުމަށް އާބަންކޯގައި ވަނީ އެދިފައެވެ.

ހަމްބޯޓެކް ކޮރެއާގެ ފަރާތުން ރާއްޖޭގައި މަޝްރޫއު ހިންގުމަށް އުފެއްދި ކުންފުނި، ހަމްބޯ މޯލްޑިވްސްގެ 95 ޕަސެންޓު ހިއްސާ އޮންނަނީ އެ ކުންފުނީގެ އެމްޑީ، ޗައިނާގެ ރައްޔިތެއް ކަމަށްވާ ޖިން ޝިހޫ އަތުގަ އެވެ. ބާކީ ފަސް ޕަސެންޓު ހިއްސާ އޮންނަނީ ދިވެހި ހިއްސާދާރު ހަސަން މަމްދޫހުގެ އަތުގަ އެވެ.

އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ހަމްބޯޓެކް ކޮރެއާއިން ވަނީ އެ މައްސަލަ އާބަންކޯގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ހަމްބޯޓެކްގެ ބަޔާނުގައި ވާ ގޮތުން އެ ކުންފުނީގެ ފަރާތުން ފާސްކޮށް އެޕާޓްމެންޓުތައް ވިއްކުމުގެ ބާރު އެއްވެސް މީހަކަށް ދީފައި ނުވަނީސް މަމްދޫހު ވަނީ ނުއަގުގައި އޮޅުވާލައިގެން ގިނަ ބަޔަކަށް އެޕާޓްމެންޓުތައް ވިއްކައިފަ އެވެ.

އިމިގްރޭޝަނުން މިހާރު ވަނީ މަމްދޫހަށް ރާއްޖެއިން ބޭރަށް ނުފުރޭނެގޮތަށް އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފަ އެވެ.

ހަމްބޯ މޯލްޑިވްސްއާއެކު ހެދި އެއްބަސްވުން އުވާލައި މަމްދޫހުގެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް، މި އަހަރުގެ ފަހު ކުއާޓާގައި ކޭޕާކު ރެޒިޑެންސްގެ މަސައްކަތް ނިންމައި އެޕާޓްމެންޓުތައް ހަވާލުކުރެވޭނެ ކަމަށް ހަމްބޯއިން ބުނެފައިވެ އެވެ.