English Edition
Dhivehi Edition

ހަންބޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ މައްސަލަ ތަހުގީގުކުރުމަށް އެ ކުނފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހެޅީ ހަންބޯ ޕްރައިވެޓް ލިމިޓެޑާއި، އަރބަންކޯއިންނެވެ. މި މައްސަލާގައި ހަންބޯ ޕްރައިވެޓް ލިމިޓެޑްއިން ތުހުމަތުކުރަނީ މަންޑޭގެ މައްޗަށެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައި ހިއްސާދާރު އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ އެވެ. ކުންފުނީގައި އޭނާގެ 95 ޕަސެންޓް ހިއްސާ އޮވެ އެވެ. އަދި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހު (މަންޑޭ) ގެ އޮންނަނީ ފަސް ޕަސެންޓް ހިއްސާ އެވެ. އެޕާޓްމަންޓު ވިއްކުމުގައި ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާކަމުގެ ތުހުމަތު ހަންބޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރަނީ މަންޑޭއަށެވެ.

މިކަމާ ގުޅޭގޮތުން ހަންބޯ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އެގޮތުން ނުއަގުގައި ގިނަ ބަޔަކަށް އެޕާޓްމަންޓު ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ އެގްރީމަންޓުގައި ސޮއިކުރުމަށް ފަހު އެ ފަރާތްތަކަށް ފައިސާ ދައްކަން އެދިފައިވަނީ ވެސް ނަގުދު ފައިސާއިންކަން، ބައެއް ފަރާތްތަކުން ކުންފުނީގެ ވެރިފަރާތަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދަން މުއާމަލާތުކޮށްފައިވަނީ ވެސް މަންޑޭއާއި ޖައިޝަން ސައީދު ކަމަށް ބުނެފައިވެއެވެ. އަދި އެއް އެޕާޓްމަންޓެއް އެތައް ބަޔަކަށް ވިއްކައި ފައިސާ ހޯދާފައިވާއިރު، އެޕާޓްމަންޓްގެ އަގުގެ ބަދަލުގައި ކާރާއި އެ ނޫން ވެސް ތަކެތި މަންޑޭ އެތައް ބައެއްގެ އަތުން ނަގާފައިވާ ކަމާއި، އަމިއްލަ ބޭނުމަށް ކްލަޔަންޓުން އަތުން ދަރަނި ނެގުމަށް މުއާމަލާތްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ،

ބަޔާނުގައި ބުނީ ހަންބޯ ކުންފުނީގެ އެކައުންޓް ހުޅުވާފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކަމަށްވާއިރު، ބައެއް ކަސްޓަމަރުންގެ އަތުން މަންޑޭ ފައިސާ ހޯދާފައި ވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މެދުވެރިކޮށް ކަމަށެވެ. އަދި އެކައުންޓް ހުޅުވާފައި ވަނީ އެމްޑީ ޗައިނާގައި ހުރި ދުވަސްވަރު، އޭނާގެ ޕާސްޕޯޓް ކޮޕީއެއްގައި ވަކީލަކު ލައްވާ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން ކަމަށާއި، ބެންކުގެ ސަމާލުކަމަށް މިކަން ގެނައި އިރު އެކައުންޓުގައި ހުރި ފައިސާ ނަގާފައިވާ ކަމަށެވެ.

ކޭޕާކު ރެސިޑެންސްގެ މަސައްކަތް ހުޅުމާލޭގައި ފެށީ މީގެ 6 އަހަރު ކުރިންނެވެ، އެކަމަކު އަދިވެސް އެ އިމާރާތްތަކުގެ މަސައްކަތް ނުނިމެއެވެ.