ފުވައްމުލަކު ސިޓީގައި ދާދި ދެންމެއަކު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެއީ އެރަށު މާލެގަން އަވަށު، ފެންފިނޮޅުގޭ މުތީއު ނަކަމަކަށް ކިޔާ ކުއްޖެކެވެ. މި އެކްސިޑެންޓުގައި ޖުމްލަ 3 މީހަކަށް އަނިޔާވި ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެކްސިޑެންޓުގައި ހިނގާފައިވަނީ މިރޭ 7:15 އެހައިކަންހާއިރު ފުވައްމުލަކު ސިޓީ އެއާޕޯޓު ކައިރިންނެވެ.މިއީ ދެ ސައިކަލްޖެހިގެން ހިނގި އެކްސިޑެންޓެކެވެ.
އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންނަށްވެސް މިހާރު ގެންދަނީ ފުވައްމުލަކު ސިޓީ ހޮސްޕިޓަލުން ފަރުވާ ދެއްވަމުންނެވެ. ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފަރުވާދެމުން ގެންދަނީ 19 އަހަރުގެ ފިރިހެންކުއްޖަކަށާއި، 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓުވެގެން އެ ތިންކުދިން ގެނައިއިރުވެސް 17 އަހަރުގެ ކުއްޖާވަނީ މަރުވެފައި ކަމަށެވެ. އަނެއް ދެކުދިންނަށް މިހާރުވެސް ގެންދަނީ އައިސީޔޫގައި ފަރުވާމުން ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. ދެ މީހުންގެ ބޮލަށްވަނީ ވަރަށް ގެއްލުން ވެފައެވެ. އަދި އެކެއްގެ އެއްފައި ބިންދައިގެން ގޮސްފައިވާ ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.
މިހާރު ގެންދަނީ ދެ ކުދިންވެސް މާލެ ފޮނުވުމަށް މަސައްކަތް ކުރަމުނެވެ. ފުރުވުމުގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް ފުރުވައިލާނެ ކަމަށްވެސް ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ. ކުދިން ފުރުވާލަން މަސައްކަތް ކުރަނީ އާސަންދަ އެހީގައެވެ.
ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.