English Edition
Dhivehi Edition
ހޮނިހިރު ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި ރަސްގެފާނު ޗާލްސް ތިން ވަނަ ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ޔޫއީ މޮކް/ޕޫލް/ރޮއިޓާސް

އިނގިރޭސި ރަސްގެފާނު ޗާލްސްIII ޝާހީ ޢިއްޒަތުގައި އިނގިރޭސި ތަޚުތުގައި ވަޑުވައިފިއެވެ. ލަންޑަންގަޑިން 11 ޖެހިއިރު ރަސްގެފާނު ޗާލްސްގެ ދެކަނބަލުން ވަނީ ވެސްޓްމިންސްޓަރ އަބޭ އަށް ވަޑައިގެންފައެވެ. ރަސްގެފާނު ޗާލްސް އާއި އަނބިކަނބަލުން ކެމިލާ ބަކިންހަމް ޕެލަސްއިން ވެސްޓްމިންސްޓަރ އަބޭއަށް 6 އަސް ހިމެނޭ އަސްގާޑިޔާކޮޅު، ޑައިމަންޑް ޖުބިލީ ސްޓޭޓް ކޯޗްގައި ވަޑައިގެންނެވި މަންޒަރު ބަލާލުމަށް އެތައްހާސް ބަޔަކު މަގުތަކަށް ނިކުމެފައިވެއެވެ.

ލަންޑަންގެ ވެސްޓްމިންސްޓަރ އަބޭގައި ކުރިޔަށްދިޔަ ތާރީޚީ ދަރުބާރުގެ އެންމެ ޚާއްސަ ވަގުތުކޮޅު އެޤައުމުގެ 360 އަހަރުވީ ތާރީޚީ ތާޖު ރަސްގެފާނުގެ އިސްތަށިފުޅުގައި އެޅުއްވީ ކެންޓަރބަރީގެ އާޗްބިޝަޕް ޖަސްޓިން ވެލްބީ އެވެ.ލަންޑަންގެ 1000 އަހަރުވީ ދިގު ޘަގާފަތުގެ ހުރިހާ ރަހައެއް އެކުލެވޭ ގޮތަށް ބޭއްވި މި ކޮރެނޭޝަން ރަސްމިއްޔާތުގައި ޝާހީ އާއިލާގެ ގާނޫނުތަކާއި އާދަކާދަތައް ޒަމާނާ އެއްގޮތް ބަދަލުތަކާއެކު ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ބައެއް ކަންކަމަށް ކުދި ބަދަލުތަކެއް އަޔަސް، ރަސްމިއްޔާތުގެ އެންމެ މުހިއްމު ކަންކަން ކުރިއަށްދިޔައީ މީގެ އެތައް ސަތޭކަ އަހަރެއްކުރިންވެސް އިނގިރޭސި ވިލާތުގައި އެކަންކަން ކުރަމުންދިޔަގޮތަށެވެ.

ކޮރެނޭޝަންގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ، ހުވާކުރުމާއި، އިންވެސްޓިޗަރ އަދި ކްރައުނިންގ އެވެ. މި ހަފްލާގައި އިނގިރޭސިވިލާތުގައި ފެނުނު ގިނަ ދީންތައް ގަބޫލުކުރައްވައި އާޗްބިޝަޕް ވިދާޅުވީ ޗާޗް އޮފް އިންގްލޭންޑުން މަސައްކަތް ކުރާނީ ހުރިހާ ދީނެއްގެ މީހުންނަށް ވެސް މިނިވަންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމަށް ކަމަށެވެ. ކިންގް ޗާލްސްވަނީ ރަސްކަމުގެ ކޮރޮނޭޝަނެއްގައި އަޑުހަރުކޮށް ދުޢާކުރެއްވި ފުރަތަމަ ރަސްގެފާނަށް ވެވަޑައިގެންފައެވެ. އެ ދުޢާގައި ހުރިހާ ޢަޤީދާތަކެއްގެ މީހުންނަށް ވެސް ނިޢުމަތަކަށް ވުމަށް ރަސްގެފާނު އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ރަސްކަމުގެ ތާޖު ޗާލްސްގެ އިސްތަށިފުޅުގައި ވެޑުވުމުގެ ކުރިން، ސަގާފީ ގޮތުންނާއި ދީނީ ގޮތުން އަމަލު ކުރާ އުސޫލާއި އެއްގޮތަށް ޗާލްސް ތުރުކުރައްވައިގެން ހުންނެވި އަންނައުނު ބަދަލުކުރައްވައި އިސްތަށިފުޅުގައި ވަނީ ޚާއްސަ ތެލެއް ލައްވާފައެވެ. އެ ވަގުތުކޮޅު ކުރިޔަށް ގެންދެވުނީ، ރަސްމިއްޔާތަށް ވަޑައިގެންނެވި ހާޒިރީންނަށް ނުފެންނަ ގޮތަށް ވަށައިގެން ބަންދުކޮށްގެންނެވެ.

މި ރަސްމިއްޔާތުގައި ރަސްގެފާނު ޗާލްސް ރަސްކަމުގައި ތަޚުތުގައި ވެޑުވުމަށްފަހު، ޗާލްސްގެ އަނބިކަބަލުން ކެމިލާގެ އިސްތަށިފުޅުގައިވެސް ރަސްކަމުގެ ތާޖެއް ވަޑުވާފައި ވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ 100 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތު 2 ގަޑިއިރަށް ކުރިޔަށްގެން ގޮސްފައި ވެއެވެ.

ރަސްގެފާނު ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ކުރިޔަށްދިޔަ ހޯލުގައި، މިރަސްމިއްޔާތު ބެލުމަށް 2300 ގެސްޓުން ހާޒިރުވެ ތިއްބެވެ. އޭގެ ތެރޭގައި، ޝާހީ އާއިލާއާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ، ޗާލްސްIII ގެ ދެވަނަ ދަރިކަލުން ޕްރިންސް ހެރީވެސް ހިމެނެއެވެ.

ޕްރިންސް ޗާލްސް އިނގިރޭސި ރަސްކަމަށް ވަޑައިގެންނެވީ ފާއިތުވި އަހަރުގެ ސެޕްޓެމްބަރުމަހުގެ 14 ވަނަ ދުވަހު، ޗާލްސްގެ މަންމާފުޅު އަދި ކުއީން އެލިޒަބަތުII އަވަހާރަ ވުމާއި ގުޅިގެންނެވެ. ރާނީ އަވަހާރަވީ އެކަމަނާގެ ރަނިކަމަށް 70 އަހަރުވުމަށްފަހުއެވެ. މިއީ ލަންޑަނުގެ ވެސްޓްމިންސްޓަރ އަބޭގައި 1066އިން ފެށިގެން މިހާތަނަށް ބާއްވާ 40 ވަނަ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތެވެ.