English Edition
Dhivehi Edition

ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އިނގިރޭސިރަސްގެފާނު ޗާލްސް އާންމުކޮށް ކުރިމަތިލައްވަން ޖެހޭ މަސްއޫލިއްޔަތުތަކުން ދުރައްޖެހިވަޑައިގެންފައިވާ ކަމަށް ބަކިންހަމް ޕެލަސް އިން ބުނެފި އެވެ

ބައްޕާފުޅުގެ ބޭސްފަރުވާ ކުރިއަށް ގެންދަވާއިރު ބައްޕާފުޅުގެ ފަރާތްޕުޅުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް މިހާރު ކުރައްވަވަމުން ގެންދަވަނީ ދަރިކަލުން ޕްރިންސް ވިލިއަމް އެވެ.

އިނގިރޭސި ގާނޫނުގައި އޮންނަ ގޮތުން، ދައުލަތުގެ ވެރިޔާއަށް މަގާމުގެ ޒިންމާތައް އަދާނުކުރެއްވޭ ހާލަތުގައި، ރަސްގެފާނުގެ ބަދަލުގައި އެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނެ ”ކައުންސެލާސް އޮފް ސްޓޭޓް” އައްޔަންކުރެވޭނެއެވެ. އެގޮތުން މިވަގުތުު އައްޔަން ކުރެއްވޭނެ ބޭފުޅުންގެ ތެރޭގައި ރަސްގެފާނުގެ އަނބިކަނބަލުން ރާނީ ކެމިލާ، ދަރިކަލުން ޕްރިންސް ވިލިއަމް، ކޮއްކޯފުޅު ޕްރިންސެސް އޭން އަދި ކޮއްކޯފުޅު ޕްރިންސް އެޑްވާޑް ހިމެނެއެވެ.

ޗާލްސްގެ ދެވަނަ ދަރިކަލުން ޕްރިންސް ހެރީ، ޝާހީ އާއިލާގެ އިސް މެންބަރު ކަމުންނާއި މަސައްކަތްތަކުން 2020ގައި އެކަހެރިވެވަޑައިގެންފައިވާތީ، ޕްރިންސް ހެރީއަށް އެ މަގާމު އަދައެއް ނުކުރެވޭނެއެވެ.

ރަސްގެފާނު ޗާލްސް، އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގަތް ނަމަވެސް، ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރަސްގެފާނު ދުސްތޫރީ ދައުރެއް އަދާކުރައްވަމުން ގެންދަވާނެ ކަމަށާއި އޭގެ ތެރޭގައި ލިޔެކިޔުންތަކާއި އަމިއްލަ ބައްދަލުވުންތައް ވެސް ހިމެނޭ ކަމަށް ޕެލަސް އިން ބުނެއެވެ. އެގޮތުން ބޮޑުވަޒީރު ރިޝީ ސުނާކްއާ އެކު ރަސްގެފާނު ކުރިއަށް ގެންދަވާ ހަފުތާގެ އޯޑިއަންސް ގައި ރަސްގެފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ކެންސަރު ޖެހިފައިވާ ކަން އެ ޤައުމުގެ ޝާހީ ގަނޑުވަރު, ބަކިންގްހަމް ޕެލެސް އިން ރަސްމީކޮށް އާންމުކޮށްފައިވަނީ ފެބްރުއަރީ 5 ވަނަ ދުވަހުގައެވެ. ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން އެނގިފައި ވަނީ ޕްރޮސްޓޭޓުގެ ފަރުވާއަކަށް ހަސްފަތާލުގައި އެޑްމިޓުކޮށް ހެދި ޓެސްޓުތަކަކުންނެވެ. ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ލަންޑަން ކްލިނިކް ޕްރައިވެޓް ހަސްފަތާލުގައި ތިން ދުވަހު އެޑްމިޓްކޮށްފައި އޮތުމަށްފަހު ރަސްގެފާނު މިހާރު ވަނީ ދޫކޮށްލާފައެވެ.

ރަސްގެފާނަށް ކެންސަރުގެ ވައްތަރެއް ޖެހިފައިވާކަން ހާމަވީ, ޕްރޮސްޓޭޓްގެ ފަރުވާއާ ގުޅިގެން ހެދި ޓެސްޓުތަކުން ކަމަށް ޕެލެސް އިން ވަނީ ބުނެފައެވެ. އެއީ ކެންސަރުގެ ކޮން ވައްތަރެއްކަން ސާފުކޮށްދީފައި ނުވިނަމަވެސް, އެއީ ޕްރޮސްޓޭޓްގެ ކެންސަރު ނޫން ކަން ޝާހީ ޢާއިލާގެ ބައެއް މަސްދަރުތަކުން މީޑިޔާތަކަށް ކަށަވަރުކޮށްދީފައިވެއެވެ.

ބަކިންގހަމް ޕެލެސް އިން އިތުރަށް ބުނީ ޗާލްސް އޭނާގެ ފަރުވާއާ މެދު “މުޅިން ޕޮޒިޓިވް” ކަމަށާއި އެނބުރި ޕަބްލިކް ޑިއުޓީއަށް ދިއުމަށް އުއްމީދު ކުރައްވަވާ ކަމަށެވެ.

ރަސްގެފާނު އަމިއްލަފުޅަށް ދެ ދަރިކަލުންނަށް ވެސް ބައްޔާއި ބެހޭ މައުލޫމާތު ދެއްވި ކަމަށާއި ބައްޕަގެ އާލާސްކަންފުޅާއި ގުޅިގެން އެމެރިކާގައި ދިރިއުޅުއްވާ ޑިއުކް އޮފް ސަސެކްސް ޕްރިންސް ހެރީ އޭނާގެ ބައްޕައާ ވާހަކަ ބައްދަލުކުރެއްވެވުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުފުޅުން 75 އަހަރުގެ ޗާލްސް އިނގިރޭސި ތަޚުތާ ހަވާލުވެޑައިގަތީ މަންމާފުޅު, ރަސްގެފާނު އެލިޒަބަތް ދެވަނަ އަވަހާރަވުމާ ގުޅިގެން 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ.