English Edition
Dhivehi Edition

ހެލިފެލިވެ އުޅުމަށާއި ކަސްރަތު ކުރުމަށް އިސްކަންދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ނަޞޭހަތްތެރިވެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ ފ. އަތޮޅު ހޮސްޕިޓަލްގެ 27 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން، ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތް އެ އަތޮޅުގައި ފެށުމުގެ ގޮތުން ނިލަންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެއީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ، ޕްރައިމަރީ ހެލްތް ކެއަރ ޕްރޮމޯޓްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ މީޑިއާތަކުންނާއި އާއްމު ރައްޔިތުން ވެސް ފުރިހަމައަށް އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ 1980 އާއި 1990ގެ އަހަރުތަކުގެތެރޭގައި ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ ނިޒާމްގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އޭގެފަހުން އެކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން އަލުން ޕްރައިމަރީ ހެލްތް ކެއަރ ނިޒާމް ދިރުވައި ހަރުދަނާކުރަންޖެހިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޞީއްޙީ ޚިދުމަތް ލިބޭނެ ތަންތަން ހުރުމަކީ، ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެންވާނޭ ކަމެއް ނޫންކަން ފާހަގަކުރައްވާ ވަނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމް ތަރައްޤިކުރުމަށް މި ފާއިތުވި 4 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި މިގޮތުން އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ޢުމްރާނީ ތަރައްޤީއަށާއި އިންސާނީ ވަޞީލަތްތައް ތަރައްޤީއަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ޞިއްޙީދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޕްރައިމަރީ ހެލްތުކެއަރ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ޚިދުމަތްދިނުމުގައި ޢަމަލު ކުރުމަށް މިހާރުވަނީ އައު “ކެއަރ ޕާތްވޭ” އެއް އެކުލަވާލާފައެވެ. މި “ކެއަރ ޕާތްވޭ” އާއި އެއްގޮތަށް 06 މޭ 2023ން ފެށިގެން ފ. އަތޮޅުގެޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ޚިދުމަތްތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

ޕްރައިމަރީ ހެލްތުގެ ނިޒާމަކީ ޞިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ޞިއްޙީ މަޢުލޫމާތު ދިނުމާ ތިމާގެ ޞިއްޙީ ޙާލަތު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމާ، މީހާގެ ޞިއްޙީ ޙާލަތާ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކޮށް، އެމީހަކަށް ނުވަތަ އެ މުޖްތަމަޢުއަކަށް އެންމެ އެކަށީގެންވާގޮތަށް ފަރުވާ އާއި އެހެނިހެން ޚިދުމަތްތައް އިންތިޒާމުކުރެވިގެންދާ ނިޒާމެކެވެ.

މިރަސްމިއްޔާތުގައި ޕްރައިމަރީ ހެލްތް ކެއަރ ރެޖިސްޓްރީ އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.