ބޯކޮށް ވާރޭވެހި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް ނޭޝަނަލް މީޓިއޮރޮލިޖިކަލް ސަރވިސްއިން މިރޭ ދަންވަރު 1އިން ފެށިގެން ހެނދުނު 7 ޖެހުމާއި ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ ޅ.އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިރޭ އިރާކޮޅުންފެށިގެން ދަންވަރު 12 ޖެހުމާ ހަމަޔަށްވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް 50 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު ބުނާ ގޮތުން މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ ސަމާލާއި އޮރެންޖް ސަމާލާއި ރަތް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި 08 މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ސަރަހައްދަށް ކުރަމުން ދާތީވެ މޫސުމަށް ސަމާލުވުމަށް ދަންނަވަން. pic.twitter.com/iS9duLKaD1
— Maldives Meteorology (@MetMaldives) May 4, 2023
މިދުވަސްވަރަކީ މޫސުން ގޯސްވެ އަދި ކަނޑު ވެސް ގަދަ ދުވަސްވަރަކަށް ވެފައި މޫސުމާބެހޭ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް ސަމާލު ނެރެފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރައްވައި މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.