English Edition
Dhivehi Edition
އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ

ސަރުކާރުން ބޮޑުކުރި ސިއްހީ ހިދުމަތްތެރިންގެ މުސާރަ އަށް 3،710 މުވައްޒަފުން ހިޖުރަ ކޮށްފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

މިއަދުން ފެށިގެން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިއުލާންކުރައްވާފައެވެ.

ބޮޑުކުރި މުސާރައިގެ އިތުރު ތަފްސީލް ދިނުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ޖުމްލަ 3،710 މުވައްޒަފުން ބޮޑު މުސާރައަށް ހިޖުރަކުރާނެ ކަމަށެވެ. އެއީ އައިޖީއެމްއެޗުގެ 1004 މުވައްޒަފުންނާއި ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުންނާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުންނާއި އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުންނާއި ހުޅުމާލޭ ހޮސްޕިޓަލުގެ 298 މުވައްޒަފެކެވެ.

އޭގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ 452 މުވައްޒަފަކު ވެސް މުސާރައިގެ އާ އޮނިގަނޑަށް ހިޖުރަ ކުރެ އެވެ. އޭގެ ތެރޭގައި ޖަލުތަކާއި ސްކޫލްތަކާއިއި ކުޑަަކުދިންނާއި ބޮޑެތިމީހުން ބަލަހައްޓާ ދައުލަތުގެ މަރުކަޒުތަކުގައި މަސައްކަތް ކުރާ ކައުންސިލަރުން، ސައިކޮލަޖިސްޓުން، ސައިކްރޭޓިސްޓުން، ސްޕީޗު ތެރަޕިސްޓުން ފަދަ އެލައިޑު ހެލްތު ޕްރޮފެޝަނަލްސް ހިމެނެ އެވެ.

ފައިޒަލް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ މުސާރަ އަށް ގެނައި ބަދަލާއެކު މަހެއްގެ މައްޗަށް 23.6 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. މުސާރަތައް ބޮޑުކުރުން މިއަހަރުގެ ބާކީ މި އޮތް އަށް މަސް ދުވަހަށް ބަލާލި ނަމަވެސް ސިއްހީ ދާއިރާގެ މުވައްޒަފުންނަށް 321 މިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރަންޖެހޭނެ އެވެ. އަދި ކުރިއާ އަޅާބަލާއިރު އަހަރު 482 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ އެވެ. އެއީ މަހަކަށް އިތުރުވި 40 މިލިއަން ރުފިޔާ އެވެ.