ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސިފައިންނާ ފުލުހުންގެ އުމްރާނީ ތަރައްގީއަށް އެއްވެސް ކަމެއްކޮށްފައި ނުވާކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ފުލުހުންނާ ސިފައިންގެ ފްލެޓް ނިންމާ، ހަވާލުކުރާ އިރު ކުލި ކުޑަކުރާނެކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންނާ ސިފައިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ސޯލިހް ވިދާލުވީ އަމާޒަކީ ފުލުހުންގެ ތެރޭގައި ހިދުމަތް ކުރާ ކޮންމެ މީހަކީ ހިދުމަތް ކުރާ ދާއިރާއާ ގުޅޭގޮތުން ތައުލީމާއި ތަމްރީނު ހޯދައިގެން ހިދުމަތްދޭ މީހަކަށް ހެދުން ކަމަށެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ފުލުހުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި، ފުލުހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސާ ދިނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ހަފްލާގައި ރައީސް ދެއްކެވި ވާހަކަފުޅަށް ރައްދު ދެމުން ރިޔާޒް ވިދާޅުވީ ރައީސް ސޯލިހް ވައުދުވީ އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ. އެހެންކަމުން ރައީސް ސޯލިހްއަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރިޔާޒް ވިދާޅުވިއެވެ.