English Edition
Dhivehi Edition

ޗާގޮސް މައްސަލަ ރާއްޖެކޮޅަށް ނިމުމަކީ އައްޑޫ ސިޓީގެ މަސްވެރިންނަށް ލިބިގެންދާ ހިތްވަރެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި، އެ ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތް ވެގެންދިއުމަކީ ލިބިގެން ދިޔަ ބޮޑު އުފަލެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެންދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބިގެންދާ ހިތްވަރެއް ކަމަށާއި މީގެ ކުރިން މި ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަޙައްދަކަށްވެފައި، އެހެން ޤައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެއް ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ބިނާކުރަނިވި ގޮތަކަށް، ޒިންމާދާރުކަމާއެކު ބައިނަލްއަޤްވާމީ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ މައްޗަށްކަން ފާހަގަކޮށް އެ ކައުންސިލުން ބުނީ އިޓްލޮސް އިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި ނިންމި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ނިޒާމަށް، ރާއްޖޭގެ އިސް ޑިޕްލޮމެޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިޙުތިރާމު ކުރައްވާކަން ފެނިގެންދާކަމުގެ ހެއްކެއް ކަމަށެވެ.

އެހެންވެ، ދިވެހި ދައުލަތުގެ ސިޔާދަތު ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތަށް އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.