ރައްޔިތުންގެ މަޖިލީހުން މި އަހަރު ފުރަތަމަ ފަހަރަށް ޗުއްޓީއަށް ދިއުމަށް މިއަދު ޖަލްސާތައް މެދުކަނޑާލާފައިވަނީ، މި ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 38.9 އިންސައްތަ މަސައްކަތް ނިންމުމަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
މިއަދު ބޭއްވި ފަހު ޖަލްސާ ނިންމަވާލެއްވުމަށްފަހު މަޖިލީހުން ޢާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުން، މި ދައުރުގެ ތެރޭގައި 2 ބިލުގެ މަސައްކަތާއި ، ، 7 ޤަރާރާއި، ސަރުކާރުން ހުށަހަޅުއްވާފައިވާ 10 މައްސަލައާއި ރިޔާސަތުން ހުށަހަޅުއްވާފައިވާ 1 މައްސަލަ އަދި 10 ކުއްލި މައްސަލަ ނިންމާފައިވެއެވެ. އޭގެ އިތުރުން މެންބަރުން ހުށަހެޅުއްވި 1 މައްސަލައާއި 3 ރިޕޯޓްގެ އިތުރުން ވަޒީރުންނާއި ކުރެވޭ ސުވާލުގެ 41 މަސައްކަތް ނިމިފައިވެއެވެ.މިދިޔަ އަހަރުގެ ފަހު ދައުރާއި މިއަހަރުގެ ފުރަތަމަ ދައުރާއެކު ވަޒީރުންނާއި ކުރުމަށް 92 ސުވާލެއް ހުށަހެޅުނެވެ. މީގެތެރެއިން 51 ސުވާލެއް އަދިވެސް ނުކުރެވި އެބައޮތެވެ.
މިއަހަރު މަޖިލީހުގެ ޖަލްސާތައް ފެށިއިރު ކުރީ ދައުރުގައި ހުރި 90 މައްސަލައެއްގެ މަސައްކަތް މަޖިލީހުގައި އޮތެވެ. މިދައުރަށް 103 މައްސަލައެއް ހުށަހެޅިފައިވާއިރު މިހާރު ތަޅުމަށާއި ކޮމިޓީ ތަކަށް ހުށަހެޅިފައިވަނީ 118 މައްސަލައެކެވެ. މިއަދާއި ހަމަޔަށް މީގެ ތެރެއިން 75 މައްސަލައެއް ވަނީ އެއްކޮށް ނިމިފައެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކޮތަޅުން ފީނެގުމުގެ ޤާނޫނީ މައްސަލައަށް މަޖިލީހުން ހައްލު ގެނެވިފައެއް ނުވެއެވެ. މިމައްސަލަ ހައްލުކޮށް މަޖިލިސް ޗުއްޓީއަށް ދާން ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން އެދުނު ނަމަވެސް ޗުއްޓީއަށް ގޮސްފައިވަނީ ބިލުގެ ބަހުސްގެ މަރުހަލާ ފެށިފަހުންނެވެ.
މިދައުރަކީ މަޖިލީހުގެ މިއަހަރުގެ އެންމެ ކުރު ދައުރަށްވެފައި، ގިނަ ބިލްތަކެއްގެ މަސައްކަތް ދަނީ ކޮމިޓީތަކުގައި ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކޮމެޓީތަކުން ދަނީ ކުރައްވަމުންނެވެ.
ޗުއްޓީއަށް ފަހު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ.