English Edition
Dhivehi Edition
ރައްޔިތުންގެ މަްޖލިސް ގެ ޖަލްސާއެއް ކުރިއަށް ދަނީ. ފޮޓޯ މަޖްލިސް މީޑިއާ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު ގިނަ މަސައްކަތްތަކެއް ނިންމުމަށްފަހު ޗުއްޓީއަކަށް މަޖިލިސް ގޮސްފިއެވެ. މިއީ މަޖިލީހުގެ ގަވާއިދަށް 2021 ވަނަ އަހަރު ގެނެވުނު ބަދަލާއިއެކު ލިބޭ އެންމެ ކުރު ޗުއްޓީއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިޖަލްސާގައި ކޮމިޓީތަކުން ހުށަހަޅާ 4 ރިޕޯޓެއް އެޖެންޑާކޮށްފައިވީނަމަވެސް ވޯޓަށް އެހޭވަރަށް މަސައްކަތް ނިންމުނީ މިއަދުގެ މަސައްކަތުގެ ތެރެއިން 2 ރިޕޯޓެކެވެ. މިއަދު ވޯޓަށް އަހާފައިވަނީ ކުޅިވަރު ބިލު ބަލައިގަތުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވި މައްސަލައެވެ.

މީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ. ކުޅިވަރު ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރެއްވުމަށް ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކޮތަޅުން ފީނެގުމުގެ ޤާނޫނީ މައްސަލައަށް މަޖިލީހުން ހައްލު ގެނެވިފައެއް ނުވެއެވެ. މިމައްސަލަ ހައްލުކޮށް މަޖިލިސް ޗުއްޓީއަށް ދާން ސަރުކާރަށް ތާއީދުކުރާ ބައެއް މެމްބަރުން އެދުނު ނަމަވެސް ޗުއްޓީއަށް ގޮސްފައިވަނީ ބިލުގެ ބަހުސްގެ މަރުހަލާ ފެށިފަހުންނެވެ.

މިދައުރަކީ މަޖިލީހުގެ މިއަހަރުގެ އެންމެ ކުރު ދައުރަށްވާއިރު، ގިނަ ބިލްތަކެއްގެ މަސައްކަތް ދަނީ ކޮމިޓީތަކުގައި ކުރެވެމުންނެވެ. އަދި ބައެއް މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކޮމެޓީތަކުން ދަނީ ކުރައްވަމުންނެވެ.

ބަންދު ނުހިމަނައި ލިބޭ 10 ދުވަހުގެ ޗުއްޓީއަށް ފަހު މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މޭމަހުގެ 16 ވަނަ ދުވަހުއެވެ.