English Edition
Dhivehi Edition

މޯލްޑިވްސް އޯޕަން، 2023، 10 ބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ރާއްޖޭގައި ފުރަތަމަފަހަރަށް ބައިނަލްއަޤުވާމީ ބިލިއާޑް މުބާރާތެއް ބާއްވައިފިއެވެ. ޖުމްލަ 15 ޤައުމަކުން 64 ކުޅުންތެރިންނާއެކު މި މުބާރާތް ކުރިޔަށް ދިޔައީ، 2023 އޭޕްރީލް 22 އިން 26ގެ ނިޔަލަށެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗަންގް އަށެވެ. ކޯ ޕިން ޗަންގް މިމުބާރާތް ކާމިޔާބުކުރީ ބުދަ ދުވަހުގެރޭ ކުޅުނު މުބާރާތުގެ ފައިނަލްމެޗުގައި ފިލިޕީންސްގެ ޔޯހަން ޗުއާ އާާއި ވާދަކޮށް 10-8 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ހައުސްގައި ރޭ އޮތް މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިޔާ އަށާއި އަދި ރަނަރއަޕް ކުޅުންތެރިޔާއަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.މި މުބާރާތުގެ ގަދަ 32 ކުޅުންތެރިން ގެ ތެރޭގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ހަސަން ޝާޒް މުޙައްމަދު ވަނީ ހިމެނިފައެވެ. މިއީ ރާއްޖޭގެ ބިލިއާޑުގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.މި މުބާރާތުގައި ރާއްޖޭގެ 16 ކުޅުންތެރިއަކު ވަނީ ވާދަކޮށްފައެވެ.

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ. އެކަމުގެ އެންމެބޮޑު ބޭނުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް އެކިއެކި ފުރުޞަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވައި ފުޅާކުރުމެވެ.

އެގޮތުން މިއީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވުނު ބައިނަލްއަޤްވާމީ 2 ވަނަ މުބާރާތެވެ.