English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިޔަފާރިތަކަށް ވާރު ކާޑު ދޫކުރުން މެދުކަނޑާލަން ނިންމައިފިއެވެ.

ވާރު ކާޑަކީ ޓެކުހާއި ގުޅޭ މުޢާމަލާތްތަކަށް ޚާއްޞަ ކާޑެކެވެ. ބީއެމްއެލްއިން ބުނީ އެ ކާޑުގެ ބަދަލުގައި ދެން ދޫކުރާނީ މާސްޓަރކާޑު ބިޒްނަސް ޑެބިޓްކާޑުކަމަށެވެ. އެގޮތުން އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ވާރު ކާޑު ދޫކުރުމާއި، ބަލައިގަތުން ހުއްޓާލާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެ ބޭންކުން ބުނީ މި ބަދަލު ގެނަންން ނިންމީ އެ ބޭންކްގެ ސްޓްރެޓެޖީގެ ދަށުން ކަމަށެވެ. މިއީ ވިޔަފާރިތަކަށްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ. އެގޮތުން ވާރު ކާޑުން ކުރިން ހަމައެކަނި ކުރެވެނީ ވިޔަފާރިތަކުން ކުރާ ޓެކުހާއި ގުޅޭ މުއާމަލާތްތައް އެކަންޏެވެ. ނަމަވެސް މާސްޓަރކާޑު ބިޒްނަސް ޑެބިޓް ކާޑުން ވިޔަފާރީގެ އެހެނިހެން ކަންކަންވެސް ކުރެވޭނެކަމަށާއި އެގޮތުން ޔޫޓިލިޓީ ބިލުތައްވެސް ދެއްކާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ކާޑަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއިއެކު ބޭނުންކުރެވޭނެ ކާޑެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ކާޑު ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް އޭޓީއެމްއިން 25،000 ރުފިޔާ ނުވަތަ 1600 ޑޮލަރު ނެގޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.