English Edition
Dhivehi Edition

މިއަހަރުގެ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެމްޑީއެފް އިން ބުނީ މިއަހަރު ފާހަގަކުރަނީ ދިވެހި ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ކަމަށާއި މި ދުވަހުގެ ހަރަކާތްތައް ފެށޭނީ މާދަމާ ހެނދުނު 6 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުން ކަމަށެވެ.

މި ދުވަހު ބާއްވާ ޝަރަފްގެ ހިނގާލުން އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު، ކަމަށާއި ޝަރަފްގެ ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށްދާނެ ކަމަށް ވެސް ބުނެއެވެ.

މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން، ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް މާދަމާ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި ޢާންމުންނަށް ހުޅުއްވައިލައްވައިގެން ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށް ވެސް ނިންމާފައިވާ ކަަމށް އެމްއެންޑީއެފް އިން ބުނެއެވެ.

ހަވާ އެރުވުމުގެ ހަރަކާތް ފެށޭނީ އެރޭ 8:20 ގައި ކަމަށް ވެސް ބުނެއެވެ.

މި ޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތަކާއި އަދި ޢާންމުންނަށް ވެސް ބައިވެރިވޭގޮތަށް ތަފާތު ޙަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިންގެވުމަށްވެސް ރާއްވަވަފައިވާ ކަމަށް އެމްއެންޑިއެފުން ހާމަކުރައްވައެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ސިފައިންގެ ދުވަހުގެ ގޮތުގައެވެ.