English Edition
Dhivehi Edition

އަންހެނުންގެ ދައުރު ފުޅާކުރެވޭނީ ޢިލްމު އުނގެނިގެންކަމަށާއި މަޝްހޫރު ޢިލްމުވެރިން ތަރުބިއްޔަތުކުރުމުގައި އެބޭފުޅުންގެ މަންމައިންގެ ދައުރު ވަރަށް ބޮޑުކަމަށް އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ވިދާޅުވެއްޖެއެވެ.

“މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” މި މައުޟޫއަށް އިޙްޔާ ފޯރަމް ގައި ވާހަކަ ދައްކަވަމުން ޢާއިޝާ ޚަލީލާ ވަނީ އިސްލާމީ ތާރީޚުން އަންހެނުންގެ ދައުރަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން ރަސޫލާ ﷺގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ މަސައްކަތްޕުޅާއި، ހަދީޘް ޢިލްމުގައި ކުރެއްވި މަސައްކަތްޕުޅަށް ބައްލަވާލައްވަވައި އިސްލާމީ ރިސާލަތު އަޅުގަނޑުމެންނާ ހަމައަށް އައުމުގައި އިސްލާމީ އުންމަތުގެ އަންހެން ބޭފުޅުންގެ ވަރަށް ބޮޑު ދައުރެއްވާކަން ފާހަގަކުރެއްވިއެވެ.

އަދި އިލްމު އުނގެނުމަކީ ވާޖިބެއްކަމަށް ރަސޫލާ ﷺ އަންގަވާފައިވާކަމަށާއި އިލްމު އުނގެނުމުން މަޙްރޫމްވުމަކީ ވަރަށް ބޮޑު ނިޢުމަތެއް އެމީހެއްގެ ކިބައިން ގެއްލިގެންދާ ކަމެއްކަމަށް ޢާއިޝާ ޚަލީލާ ވިދާޅުވިއެވެ.

ފޯރަމްގައި ވާހަކަ ދައްކަވަމުން އާއިޝާ ވިދާޅުވީ ޔަތީމުންގެ ގޮތުގައި ތިއްބެވި އެ ބޭފުޅުން، ތަރުބިއްޔަތު ކުރައްވައި، އިމާމުންނާއި ޢިލްމުވެރިންގެ ގޮތުގައި މުޖުތަމައަށް ނެރުއްވީ އެބޭކަލުންގެ މަންމައިންކަމަށެވެ.

“ހުރިހާ ޖީލެއް ބިނާކުރާ ބަޔަކީ އަންހެނުންނަށްވާއިރު އަންހެނުންނަށް ޝަރުޢީ ގޮތުން ޙަވާލުވެފައިވާ ދައުރު އަންހެނުންނަށް އަދާކުރެވޭނީ އަންހެނުންނަކީ ރަނގަޅު އިލްމެއް ލިބިފައިވާ ބަޔަކަށް ވެގެން” އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ވިދާޅުވިއެވެ.