English Edition
Dhivehi Edition
ކ. ގުރައިދޫ ދާއިރާެ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް ޝާޒު

މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވި ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒު ކާމިޔާބު ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ އިބްރާހިމް ޝާޒު އަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ.

މި އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށާއި ފުރަތަމަ ފަހަރަށް މިދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވަމަކީ ޕާޓީއަށް ލިބުނު ބޮޑުކުރިއެރުމެއް ކަމަށް ވެސް އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައީސްގެ އިތުރުން ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ ޒަމާނުއްސުރެ ޕީޕީއެމް ގެ ބޮޑު މެޖޯރިޓީ އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބު ކުރެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ހޯއްދެވި ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު އެންމެބޮޑު ޕާޓީ ޕީޕީއެމް އިން ބުނެފައިވަނީ ޝާޒު، އެ ބައި-އިލެކްޝަން ކާމިޔާބުކުރީ މިލިއަނުން ފައިސާ ބަހައިގެން ކަމަށެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރިޔަސް، ރައީސް ސާލިހާއި އެމްޑީޕީއަށް ރާއްޖޭގެ އެންމެނަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެކަން ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް، ރިޔާސީ އިންތިޚާބު ވެސް ކާމިޔާބުކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ގުރައިދޫ ބައި އިލެކްޝަންގައި ވޯޓުލާ ވަގުތު އިތުރުކުރުމާއި ގުޅިގެން ވެސް ޕީޕީއެމް އާއި ޕީއެންސީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ވަގުތު އިތުރުކުރީ ޕީޕީއެމް އާއި މަޝްވަރާނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން ކަމަށް ވަނީ ބުނެފައެވެ.

ކ. ގުރައިދޫ ދާއިރާގެ ވޯޓުލުން ކުރިއަށް ދަނީ – ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓުލުން ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 4 ޖަހާއިރަށް އޮތްނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އެގޮތުން ހަވީރު 5 ޖަހަންދެން ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަހްމަދު އުޝާމް ވިދާޅުވީ އީސީ އިން އިންތިހާބުތަކުގައި ވޯޓުލާ ވަގުތު އިތުރުކުރުމަކީ ކޮމިޝަންގެ މެންބަރުން ބޭނުންވާއިރަށް ކުރެވޭ ކަމެއްގެ ބަދަލުގައި، މިކަން ކުރެވޭނެ ހާލަތްތައް ލިޔުމުން ފެންނަން އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.