English Edition
Dhivehi Edition

އައްޑޫސިޓީގައި ރޯވިން ނުވަތަ ފަލިޖެހުން ތަރައްގީ ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އިބްރާހީމް ނަސީމު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރޯވިން އެސޯސިއޭޝަނުގެ ތިންވަނަ އޯޕަންޑޭއަށްފަހު އޭއޯނިއުސްއަށް ދެއްވި އިންޓަރވިއު އެއްގައެވެ. އޭނާ ވިދާޅުވީ މިކުޅިވަރަކީ މިނިސްޓްރީން މިހާރު ވަރަށް އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރައްވަން މަސައްކަތް ކުރައްވާ އެއް ކުޅިވަރު ކަމަށެވެ. މި ކުޅިވަރު އައްޑޫގައި ތަރައްގީ ކުރެއްވުމަށް މިނިސްޓްރީގެ ފަރާތުން މާދަރޯވިންއެސޯސިއޭޝަނަށް ދެވެންއޮތް އެއްބާރުލެއްވުމަށް ދެއްވާނެ ކަމަށެވެ. އެއީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމްވެސް ވަރަށް އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްވަލަމުން ގެންދަވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

“މިކަން ކުރިއަށްދާގޮތް އަޅުގަނޑުމެންނަށް ގުޅުއްވައިގެން ވަރަށްގާތުން މިނިސްޓަރ ބައްލަވާ. އެއީލިބޭ ވަރަށްބޮޑު ހިތްވަރެއް. ރޯވިންގެ އޮފީސް ނުވަތަ މައިމަރުކަޒު މިހުންނަނީ އައްޑޫގައި. އެނޫނީ މިފަދަ އެސޯސިއޭޝަނެއް އަތޮޅެއް ނުވަތަ ސިޓީއެއްގައި ގާއިމްވެފައެއްނެތް ކަމަށް މައުލޫމާތު ލިބިފައިވަނީ. އެހެންވީމާ ރޯވިންއަށް ކުދިން ތަމްރީން ކުރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް މިނިސްޓްރީން އިސްކަން ދެއްވާނެ،” އޭނާ ވިދާޅުވިއެވެ.

“ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުން އަޅުގަނޑުމެންގެ މަރުކަޒުތަކާ ގުޅިގެން ޚާއްސަކޮށް ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު އަޅުގަނޑުމެންނާ އެބާއްވާ ގާތްކަމުގެ ސަބަބުން ބައިނަލް އަގުވާމީ މުބާރާތްތަކުން އިތުރު ފުރުސަތުތަކެއް ޒުވާނުންނަށް ހުޅުވިގެންދާނެ. މިނިސްޓްރީން އެހީތެރިވިޔަސް މިކަންކަންދާނީ ރޯވިން އެސޯސިއޭޝަންގެ ދަށުން،” ނަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ރޯވިން ތަރައްގީ ކުރުމަށްޓަކައި ޕްލޭނެއް ހަދައިގެން އޭގެ ދަށުން އެކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. “ޕްލޭންތަކެއް ހެދެމުން އެ އަންނަނީ އެކަމަކު އަޅުގަނޑު ނުދަންނަވާނަން ޕްލޭންއޮތީ ނިމިފައޭ،” ނަސީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިއްޔެގެ އިވެންޓްވެސް ނިމިގެންދިޔައީ ހީކުރިވަރަށްވުރެވެސް ބޮޑަށް ޒުވާނުންގެ ތަރުހީބު ލިބިގެން ކަމަށެވެ. އެހެންކަމުން އެކުޅިވަރު އައްޑޫގައި ތަރައްގީކޮށް އާލާކުރުމަށް އިތުރު ހިތްވަރެއް ލިބިވަޑައިގެންފި ކަމަށެވެ.