English Edition
Dhivehi Edition

ރޯވިން ނުވަތަ ފަލިޖެހުމުން ބައިނަލްއަގުވާމީ ޝަރަފުވެރި މަގާމަށް އައްޑޫ ޒުވާނުން އައްޑުއަށް ނުވަތަ ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޭދޫދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އައިބީ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރޯވިން އޯޕަންޑޭގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރޯވިން ނުވަތަ ފަލިޖެހުމަކީ ރާއްޖެއަށް އައުކުޅިވަރެއް ކަމަށެވެ. އެހެންނަމަވެސް އެކުޅިވަރު ތަރައްގީ ކުރެއްވުމަށް ސަރުކާރުން ވެދެއްވަމުންގެންދަވާ އެހީތެރިކަމުގެ ސަބަބުން އެކުޅިވަރުން ހުނަރުވެރި އެތުލީޓުން އުފެދި އެކުދިން ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ޝަރަފްވެރި ވަނަތަކެއް ގެނެސްދޭނެ ދުވަހަކީ އައްޑޫސިޓީއާއި މުޅިގައުމުވެސް އުފާކުރާނެ ދުވަހެއް ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫގައި ރޯވިން ތަރައްގީ ކުރެއްވުމަށް ކުރެވެންހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ. އިއްޔެގެ ހަރަކާތުގައި އޭނާވަނީ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ފަލިވެސް ޖައްސަވައިފައެވެ.

އައިބީ ވިދާޅުވީ މިފަދަ ކުޅިވަރުތައް ތަރައްގީކޮށް ޒުވާނުންނަށް ފަހި ފުރުސަތު ހޯއްދަވައި ދެއްވުމަށް ރައީސް ޔާމީން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެކަން މުޅިރާއްޖެއިންވެސް މިހާރު ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ގެންދަވަނީ ޒުވާނުންނަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގަވަމުން ކަމަށެވެ. އޭގެ ތެރެއިން އިއްޔެ ފާހަގަކުރި ޒުވާނުންގެ ދުވަހަކީ ގައުމީ ފެންވަރުގައި މުޅިރާއްޖޭގައި އެދުވަސް ފާހަގަކުރި ފުރަތަމަ ދުވަސް ކަމަށެވެ. އެކަމަށްޓަކައި ރައީސް ޔާމީނަށާއި، ޔޫތުމިނިސްޓަރަށާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އުންމީދަކީ ޒުވާނުންގެ މުސްތަގުބަލް އުޖާލާވެ ގައުމީ އެކިއެކި ހަރަކާތްތަކުގައި މިހާރަށްވުރެ ބޮޑަށް ޒުވާނުން އިސްނަންގަވައިގެން ގައުމީ ތަރައްގީގެ ދުވެލި ކުރިއަށް އެރުވުމަށް ހުރިހާ ރޮނގަކުންވެސް މަސައްކަތްކުރުން. ކުޅިވަރުގެ ރޮގުންވެސް، އިގްތިސާދީ ރޮނގުންވެސް އިޖުތިމާއީ ރޮނގުންވެސް ޒުވާނުން އިސްނަންގަވައިގެން، މުސްތަގުބަލަކީ މިއަދުގެ ޒުވާނުން ކަމުގައި ދެކިގެން ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތްކުރުން،” އައިބީ ވިދާޅިވިއެވެ. އޭނާ ވިދާޅުވީ މިކަން ކަމަށް ރިއާޔަތްކޮށް އަދުގެ ޒުވާނުންގެ ބޭނުން މާދަމާއަށްޓަކައި ރަނގަޅު ގޮތުގައި ހިފޭތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.