English Edition
Dhivehi Edition

ރޯވިން އެސޯސިއޭޝަނުންވަނީ ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުސަތު އެދާއިރާއިން ހުޅުވައިފައި ކަމަށް އެ އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

ރޯވިން އެސޯސިއޭޝަނުން ފޭދޫގައި އިއްޔެ ފާހަގަކުރި އެ އެސޯސިއޭޝަނުގެ ތިންވަނަ އޯޕަންޑޭ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ އެއްވެސް ބައެއްގެ ފަހަތުން ފުރުސަތުތައް ނުދާނެ ކަމަށެވެ. “ފުރުސަތުތައް ބަޔަކު ފަހައި ނުދުވާނެ، ފުރުސަތުތައް ހޯދަން ޒުވާނުން ޖެހޭނީ އެފުރުސަތުގެ ފަހަތުންދާން. އެހެންވީމާ އަޅުގަނޑުމެން މިހުޅުވާލި ފުރުސަތުގެ ފަހަތުން ތިޔަބޭފުޅުން ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ އަތުން އެއްވެސް ޚަރަދެއް ނުކޮށް ތަމްރީން ޕްރޮގްރާމްތަކާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދޭން. އެކަމަށް ޔޫތު މިނިސްޓްރީވެސްއޮތީ ވަރަށްބޮޑަށް ތައްޔާރުވެފައި،” ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިއްޔެ ފާހަގަކުރި ތިންވަނަ އޯޕަންޑޭ ވަރަށް ކާމިޔާބު ކަމަށެވެ. ގިނައަދަދެއްގެ މީހުންވެސްވަނީ އެ ހަރަކާތުގައި ބައިވެރިވެފައެވެ.

ރޯވިންއަކީ ނުވަތަ ފަލިޖެހުމަކީ އައްޑޫސިޓީގެ ތާރީޚާ ވަރަށްބޮޑަށް ގުޅިފައިއޮތް ކުޅިވަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުމެން މާލެއަށް ދިޔައީވެސް ފަލިޖަހައިފައި. ފުވައްމުކު ސިޓީއަށްވެސް ގޮސްއުޅުނީ ފަލިޖަހައިފައި. އެހެންވީމާ އަދުގެ ސަރުކާރުގެ އެހީތެރިކަމާއެކު ޒުވާނުންނާ ހަމައަށް މި ގެނެސްދިން ފަލިޖެހުމުގެ ކުޅިވަރަކީ ޒުވާނުންނަށް ވަރަށްގިނަ ފުރުސަތުތައް ހުޅުވިފައިއޮތް ކުޅިވަރެއް. އޭގެ ތެރޭގައި ތައުލީމީ ފުރުސަތު، އެކިއެކި ތަމްރީން ފުރުސަތު ހުޅުވިފައިއޮތީ. ހަމަ އެއާއެއްކޮށް ބައިނަލް އަގުވާމީ ޕްލެޓްފޯމްތަކަށް އައްޑޫސިޓީ ގަމުން ފުރައިގެންގޮސް ހަމަ އެކަނި ވާދަކުރަން ލިބޭ ކުޅިވަރުވެސްމެ،” ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޯވިން އެސޯސިއޭޝަނަކީ ގައުމީ އެހެން ކުޅިވަރު އެސޯސިއޭޝަންތަކާ އެއްހަމައިން އަދި އެއްއުސޫލަކުން ސަރުކާރުން މިހާރު ބަލައިގެންފައިވާ އެސޯސިއޭޝަނެއް ކަމަށެވެ. އެކަން އެހެން ވުމަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވީ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމްދީ ކަމަށްވީތީ އޭނާއަށް ވަރަށްބޮޑަށް ޝަކުރު ދަންނަވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އަދި އެހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމަށް ދިރާގާއި، އެމް7 ޕްރިންޓާޒްއާއި، ސްވަދީވް ރެސްޓޯރެންޓާއި، ސިފައިންނާއި ފުލުހުން ވެދެއްވި އެހީތެރި ކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ބޭއްވި ޚާއްސަ އެ ހަރަކާތަކީ ޔޫތުމިނިސްޓްރީއާއި ރޯވިން އެސޯސިއޭޝަން ގުޅިގެން ބޭއްވި ހަރަކާތަކެވެ. އެ ހަރަކާތަށް މިނިސްޓްރީން ދެއްވި އެއްބާރުލެއްވުމަށްޓަކައި މިނިސްޓަރަށާއި މިނިސްޓްރީގެ ހިންގުތެރި ވެރިންނަށް ހަބީބުވަނީ ޝުކުރު ދަންނަވައިފައެވެ.