English Edition
Dhivehi Edition

ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއާމެދު ސަމާލުވާންޖެހޭ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ދެއްވި ޚިތާބުގަ އެވެ.

އެ ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ކިޔުރޭޓިވް ކެއާރ އަށްވުރެ ޕްރެވެންޓިވް ކެއާރއަށް ބަރޯސާ ވާންޖެހޭ ކަމަށާއި ކައިރި މުސްތަޤަބަލެއްގައި ޕްރައިމަރީ ހެލްތު ކެއާރއަށާއި ޕަބްލިކް ހެލްތަށް އިސްކަންދެވޭ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރެވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، ކުރިން އަޅުގަޑުމެން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާރގެ ނިޒާމް ބަލިކަށިވެފައިވާ ކަމަށެވެ. އަދި ފާރަވެރިކަމާއެކު ތިމާގެ ޞިއްޙަތު ވިލަރެސް ކުރުމުގެ ބައި ދޫކޮށްލެވިއްޖެ ކަމަށާއި ފޯކަސް ކުރެވެނީ ބަލިވުމުން، ބަލިން ރައްކާތެރިވާން ކަމަށް ވެސް ވިދާޅުވި އެވެ.

މީގެކުރިން ރާއްޖޭގައި އުފަންވާ ކޮންމެ 1000 ކުދިންގެ ތެރެއިން މަރުވާ ކުދިންގެ އަދަދު 100 އަށްވުރެ މަތީގައި ހުރިނަމަވެސް، އެ އަދަދު 10 އަކަށްވުރެ ދަށްކުރެވިފައިވަނީ ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ދިވެހިންގެ އެވްރެޖް އުމުރު 40 އަހަރުން، 70 އަހަރަށް ގެންދެވިފައިވަނީވެސް ޞިއްޙީ ޚިދުމަތް ވަކި ގޮތަކަށް ބައްޓަންކުރުމުން ކަމަށެވެ.

ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ “ހެލްތް ފޮރ އޯލް” ނުވަތަ އެންމެނަށް ސިއްޙަތެވެ.

މިއަދުގެ ޝިއާރާގުޅޭ ސިޔާސަތެއް މިވަގުތު އެންމެ ރަނގަޅަށް ތަންފީޒުކުރާ އެއް ޤައުމަކީ ދިވެހިރާއްޖެ އެވެ.

އެގޮތުން ޓަރޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ބިޔަ މަޝްރޫޢެއް ހިންގަމުން ނެވެ. މި މަޝްރޫޢާއެކު ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ޒަމާނީ ހޮސްޕިޓަލްތައް ޤާއިމްކުރެވިގެންދާނެ އެވެ.