English Edition
Dhivehi Edition

ގަދަބާރު ބޭނުންކޮށްގެން އިޒްރޭލުގެ ސިފައިން މުސްލިމުންގެ މުޤައްދަސް ބިނާއެއް ކަމަށްވާ މަސްޖިދުލް އަޤުޞާއަށް ވަދެ އެމިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ޚާރިޖިއްޔާއިން ނެރުނު ނޫސް ބަޔާންގައި ވާގޮތުން ، ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ތަކުރާރުކޮށް ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލުގެ ސިފައިންގެ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ.ގެ ސަލާމަތީ މަޖިލީހާއި ޢާއްމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފު ޢަމަލުތަކެއްކަން ފާހަގަކޮށް މިފަދަ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ޞުލްޙަ އާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ޞުލްޙަވެރި ޙައްލެއް ލިބެން އޮތީ 1967 ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ޤާއިމުކުރެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނެއް ޤާއިމުކުރެވިގެން ކަމަށް ރާއްޖޭގެ ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހައްދު ފަހަނައަޅާފައިވާ އިސްރާއީލު ސިފައިން ހުއްޓުމެއް ނެތި އަގްސާ މިސްކިތުގައި ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި ރޭވަނީ ހަތިޔާރާއެކު އަޤްސާ މިސްކިތުގެތެރެއަށް ވަދެ ގަނެ މިސްކިތުގައި ތިބި އާއްމު ރައްޔިތުންނަށް ބަޑިންނާއި މުގުރުން ބިރުދައްކައި، އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ދީފައެވެ.

ޤުދުސް މުޢާހަދާގައިވާގޮތުން ޔަހޫދީންނާއި މުސްލިމުން ނޫން މީސްމީހުން ގުދުސަށް ވަކި ވަގުތުތަކެއްގައި ވަނުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް މުސްލިމުންނަށް އިޙުތިރާމް ކުޑަވާ ޒާތުގެ ޢަމަލުތައް ހިންގުމަކީ މަނާކަމެކެވެ. އެއީ ޒަމާނުއްސުރެ މުސްލިމުންނާ ދެމެދު އެއްބަސްވެފައިވާ ގޮތެވެ. މި މިސްކިތް ބަލަހައްޓަނީ މުސްލިމުންނެވެ.

ފަލަސްތީނުގެ ބައެއްގެ ގޮތުގައި އޮތް އިރުމަތީ ގުދުސްއަށް އިޒްރޭލުން ވެރިވެގަތީ 1967 ގައި ހިންގި ހަނގުރާމައަކަށް ފަހު އެވެ. ގިނަ ގައުމުތަކާއި އދ. އިން ވެސް އިޒްރޭލުން އެތަނަށް ވެރިވެގަނެފައި އޮތް އޮތުން ބަލައެއް ނުގަނެ އެވެ.

އިޒްރޭލުން ދެކޭ ގޮތުގައި މުޅި ގުދުސްއަކީ ޔަހޫދީންގެ ވެރިރަށެވެ. ނަމަވެސް ފަލަސްތީނުން ބޭނުންވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނު ދައުލަތުގެ ވެރިރަށުގެ ގޮތަށް ހެދުމަށެވެ.

އިޒްރޭލާއި ފަލަސްތީނުގެ މަސްރަޙު ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ގޯސްވެ އެވެ. ކޮންމެ އަހަރެއްގެ ރޯދަމަހު އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ ދުއްތުރާތަކާއި ފުރައްސާރަތައް އިތުރުކުރެއެވެ. މީގެ ކުރިންވެސް ރޯދަމަހާއި ދިމާކޮށް ތަކުރާރުކޮށް އިސްރާއީލުން ވަނީ ފަލަސްތީނަށް ހަމަލާދީ ގިނަ ޤަތުލްއާއްމުތަކެއް ހިންގާފައެވެ.