English Edition
Dhivehi Edition

ރޯވިން އެސޯސިއޭޝަންއޮފް މޯލްޑިވްސްއާއި މިނިސްޓްރީއޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން އިއްޔެ އައްޑޫގައި ރޯވިންގ ޑޭ ބާއްވައިފިއެވެ

ފޭދޫއިން ގަމަށްއަރަން އޮންނަ ކޯޒުވޭ ސަރަހައްދުގައި އިއްޔެ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށްކުރިއަށް ގެންދިޔަ މި ހަރަކާތަކީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ބޭއްވި ޚާއްސަ ހަރަކާތެކެވެ.

ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ރޭވި ޙަރަކާތްތަކުގެ ތެރެއިން އައްޑޫސިޓީ ފޭދޫ ގައި ރޯވިން އަށް ޚާއްޞަކޮށްގެން ބޭއްވި މި ރޯވިންގ ޑޭގެ މަގްސަދަކީ ރޯވިންއަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެކަން ތަޖުރިބާ ކުރުމަށް ފުރުސަތު ހޯދައި ދިނުމާއި، އެ ކުޅިވަރަށް ކުދިންގެ ހިތްތަކުގައި ޝައުވެރިކަން އުފެއްދުން ކަމަށް ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙްމަދު ހަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ ޒުވާނުންގެ ދުވަހާއި ގުޅިގެން ރޯވިން ގެ ޙަރަކާތެއް ބޭއްވުމަކީ މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކުޅިވަރު ތަޖުރިބާކޮށްލަން ލިބުނު ރަނގަޅު ފުރުޞަތެއް ކަމަށެވެ. ރާއްޖެއަކީ، ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވެފައި މިއީ ރާއްޖެއާއި ވަރަށް ގުޅުންހުރި ކުޅިވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގައި ރޯވިން ތަރައްޤީ ކުރެއްވިއްޖެނަމަ، ރޯވިންއަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ކާމިޔާބީތަކެއް ހޯދުމުގެ ފުރުޞަތު އޮތް ކުޅިވަރެއްކަން ޙަބީބް ފާހަގަކުރެއްވިއެވެ.

އިއްޔެގެ މި ޙަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ..

އޮޕެންޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ އައްޑޫ ސިޓީއަށް އަލަށް ތަޢާރަފުކުރި މިކުޅިވަރުން، ރާއްޖޭގެ ތާރީޚުގައިވެސް ރަން ވަނަތަކެއް ހޯދާނެ ސިޓީއަކަށް އައްޑޫސިޓީ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިކުޅިވަރު ތަރައްޤީކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި، ޔޫތް މިނިސްޓްރީން ކޮށްދެއްވާ މަސައްކަތް އިބްރާހިމް ދީދީ ފާހަގަކުރެއްވިއެވެ.

އޯޕަންޑޭގެ ހަރަކާތްތަކުގެ ތެރޭގައި ފަލިޖަހަން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ދިނުމާއި، ކުޑަކުދިންނާ ގުޅޭ ތަފާތު ހަރަކާތްތަކާއި، ކުޅިވަރުތަކާއި، އަދިވެސް އެތައް ކަމެއް ހވަނީ ހިމެނިފައެވެ. ކުޑަކުދިންނާ ގުޅޭ ހަރަކާތްތަކުގެ ތެރޭގައި އެކުދިންނަށް ހަދިޔާ ދިނުމާއި ފޭސް ޕެއިންޓިން ހިމެނެއެވެ. ފަލިޖަހަން ބޭނުންވާ ކުދިންނަށް އެފުރުސަތުދީފައިވާއިރު އެކުދިންގެ އެހީތެރިންގެ ގޮތުގައި ހުނަރުވެރި ރޯވިން ކޯޗުން ވަނީ މަސައްކަތް ކޮށްފައެވެ.