English Edition
Dhivehi Edition

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ރަސްމީކޮށް ފަށައިފި އެވެ.

އެ އަވަށުގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ރާއްޖެ ގެނައީ 10 ބަގީ އެވެ. އޭގެ ތެރޭގައި ތެރޭގައި އެކި ކަހަލަ މުދަލާއި ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ސީޓުގެ ބަގީއާއި، 6 ސީޓުގެ ބަގީ އަދި 12 ސީޓުގެ ބަގީއެވެ.

މި ރޯދަމަސް ނިމެންދެން ބަގީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ. ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް 2ރ. ނަގަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ބޮޑުވާނެއެވެ. އެގޮތުން 4 ސީޓްގެ ބަގީއަކަށް ދައްކަން ޖެހެނީ 6ރ އެވެ. 6 ސީޓްގެ ބަގީއަކަށް 10ރ. އަދި 12 ސީޓްގެ ބަގީއަކަށް 15ރ. ދައްކަން ޖެހެއެވެ.

މީގެ އިތުރަށް އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ކުދިންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭގޮތަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ވިލިމާލެ އަކީ މި މާލެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ބޭނުން ނުކުރާ ހަމައެކަނި އަވަށެވެ. އެގޮތުން ވަކި ހުއްދައެއްގެ ދަށުން މުދާ އުފުލުމަށް ބޭނުންކުރާ ޕިކަޕު ފަދަ އުޅަނދު ނޫނީ އާންމު ބޭނުމަށް ވިލިމާލޭގައި އިންޖީނުލީ އެއްޗެހި ބޭނުމެއް ނުކުރާނެއެވެ. އާންމު ދަތުރުތަކަށް ޓެކްސީގެ ބަދަލުގައި ބަގީ ބެނުންކުރާއިރު، އެމްޓީސީސީން މިދިޔަ ޖެނުއަރީ މަހު ވަނީ އެ އަވަށުގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ފަށައިފަ އެވެ. މިހާރު ވިލިމާލޭގައި އެމްޓީސީސީން ދެމުން އަންނަ ބަސް ދަތުރަކަށް ނަގަނީ 5ރ. އެވެ.