English Edition
Dhivehi Edition

އަންނަ އަހަރުން ފެށިގެން ވެރިރަށް މާލޭގައި ސާފު ބޯފެނުގެ ޚިދުމަތްދޭ އަގުގައި އަތޮޅު ތެރޭގެ ހުރިހާ ރަށަކަށްވެސް ބޯފެނުގެ ޚިދުމަތް ދެވިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ރޭ ބޭއްވި “ބަހާރެކޭ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީގެ ކުރިން އަތޮޅު ތެރޭގެ ރަށްތަކަށް ސާފު ބޯފެން ނުލިބޭކަމަށެވެ.

މިސަރުކާރުން ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ މިހާރު ޚިދުމަތް ލިބޭ އަގަށްވުރެއް އަގު ކުޑަކޮށްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ފެނަށް ދެވޭ ސަބްސިޑީ އިތުރުކޮށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާ، އަންނަ އަހަރުން ފެށިގެން ސާފު ބޯފެނުގެ ޚިދުމަތް މާލެއާއި އެއް އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ދެވިގެންދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އޭގެ ނަތީޖާއަކީ ކޮންމެ 10 ގެއަކުން ނުވަ ގެއެއްގެ ނުވަތަ ޔޫޒަރުންގެ 92 ޕަސެންޓަށް ފެނުގެ އަގު 57 ޕަސެންޓް ކުޑަވެގެންދާނެ. އަނެއް 8 ޕަސެންޓަށް 10 ޕަސެންޓާއި 22 ޕަސެންޓާ ހަމައަށް ކުޑަވެގެންދާނެ،” ފެނުގެ އަގަށް އަންނާނެ ބަދަލު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ތިން ގިންތި އަކަށް ބަހާލައިގެން މީހުން ދިރިއުޅޭ 183 ރަށުގެ ތެރެއިން 135 ރަށަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިފައިވާކަމަށެވެ.

“މިކުރު ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި ތިން ދަރަޖައެއްގައި 183 ރަށުގެ ތެރެއިން 138 ރަށަށް ސާފު ބޯފެން ކަށަވަރު ކޮށްދީފިން. މީގެ އިތުރުން އަންނަ އަހަރު ނިމުމުގެ ކުރިން 70 އިންސައްތަ ރައްޔިތުންނަށް ބޯފެނާއި ނަރުދަމާ ކަށަވަރު ކޮށްދޭނަން” ރައީސް ވިދާޅުވިއެވެ.