English Edition
Dhivehi Edition

ރަމަޟާން މަހަށްޓަކައި އެންމެހާ އަޅުކަމެއްގެ ފޭރާންލުމަށް ތައް.ޔާރުވާ ފަދައިން، ދީލަތިކަމުގެ ފޭރާންވެސް ތައްޔާރުކުރަން ޖެހެއެވެ. މުއްބާރުކޮށްފައިވާ އަތްތައް ހުޅުވާލަން ޖެހެއެވެ. އެހެނީ މި މަހަކީ ދީލަތިކަމުގެ މައްސަރެވެ. ރަޙްމަތުގެ މައްސަރެވެ. ހެޔޮކަމާއި އެކަން އެހެން މީހުންނަށް ފޯރުކޮށްދިނުމަށްވާ މައްސަރެކެވެ. މި މަހަކީ މުއްސަނދިން އެމީހުންގެ ނިކަމެތި އަޚުން ހަނދާންކޮށް، ރަޙުމްކޮށް، ފައިސާއާއި ކާބޯތަކެތިން ތަސައްލީދޭ މައްސަރެވެ. އެހެނީ އެމީހުން ރޯދަޔަށް ތިބޭއިރު ބަނޑުހައިހޫނުކަމާއި ކަރުހިއްކުމުގެ ރަހަ ލިބިގަތް ގޮތަށް އެބައިމީހުންވެސް ފަޤީރުކަމުގެ ސަބަބުން މިކަން ތަޙައްމަލުކުރަމުން ދާކަން ހަނދުމަކޮށްދޭ މައްސަރެކެވެ.

އެގޮތުން ޚަރަދުކުރުމާއި އޯގާތެރިކަމާއި ދީލަތިކަމަކީ ހެޔޮކަންކަމުގެ ދޮރުތަކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿مَّن ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً﴾

މާނައީ: “ހެޔޮވެގެންވާ ދަރަންޏަކުން ﷲއަށް ދަރަނި ދޭހުށީ (އެބަހީ: اللَّه އަށްޓަކައި ހޭދަކުރާހުށީ) ކާކު ހެއްޔެވެ؟ ފަހެ، ގިނަވެގެންވާ ގުނަތަކަކަށް، اللَّه އެ ދަރަނީގެ ހެޔޮ ޖަޒާ އެމީހަކަށް އިތުރުކޮށް ދެއްވާނެތެވެ.”

އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.

﴿ مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ﴾

މާނައީ: ” ﷲގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

މުދާ ހޭދަކުރާ މީހުންނަށް ޘަވާބު ގިނަގުނަ ކުރައްވާއިރު ރަމަޟާން މަހު މުދާ ހޭދަކުރާ މީހަކަށް ޘަވާބު އިތުރުކުރައްވާނެ މިންވަރު ވިސްނާލައްވާށެވެ! މި މަހަކީ ބަރަކާތްތެރި މަހެކެވެ. ޝަރަފުވެރި މަހެކެވެ. މީސްތަކުންގެ ޙާޖަތްތައް ފުއްދައިދޭންވި މަހެވެ. އަޅުކަމުގައި މަޝްޣޫލުވާންނީ މަހެވެ. ހެޔޮޢަމަލު ގިނަކުރަންވީ މަހެވެ.

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވާ ޞައްޙަ ޙަދީޘްފުޅެއްގައިވެއެވެ. ((كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ أجْوَدَ النَّاسِ، وكانَ أجوَدُ ما يَكونُ في رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ، وكانَ جِبْرِيلُ يَلْقَاهُ في كُلِّ لَيْلَةٍ مِن رَمَضَانَ، فيُدَارِسُهُ القُرْآنَ، فَلَرَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ حِينَ يَلْقَاهُ جِبْرِيلُ أجْوَدُ بالخَيْرِ مِنَ الرِّيحِ المُرْسَلَةِ))

މާނައީ: “މީސްތަކުން ކުރެ އެންމެ ދީލަތީ ރަސޫލުﷲ صلى الله عليه وسلمއެވެ. އަދި އެކަލޭގެފާނުގެ އެންމެ ދީލަތީ، ރަމަޟާން މަހު އެކަލޭގެފާނާ ޖިބުރީލުގެފާނު ބައްދަލުކުރައްވާ ހިނދެވެ. ރަމަޟާންމަހުގެ ކޮންމެ ރެއަކު ޖިބުރީލުގެފާނު އެކަލޭގެފާނާ ބައްދަލުކުރައްވައި، ކީރިތި ޤުރުއާން މުދާރަސާ ކުރައްވައެވެ. ފަހެ، ދީލަތިވުމުގައި، ޖެހޭ ވައިރޯޅިއަކަށްވުރެވެސް ރަސޫލުﷲ صلى الله عليه وسلمގެ ހަލުވިކަން ބޮޑެވެ.”

ވީމާ ހޭދަކުރުމުގައި ފަހަތަށް ނުޖެހޭށެވެ. ދީލަތިކަމުގެ އަތް ފަތުރާލާށެވެ. ތިބާ ހޭދަކުރައްވާ އެއްޗެއްގެ ސަބަބުން ތިބާއަށް އުނިކަމެއް ނާންނާނެއެވެ. އަތްމަތި ދައްޗެއް ނުވާނެއެވެ. ހޭދަކުރި މިންވަރާއި އެއަށްވުރެ އިތުރައް ތިބާއަށް ދެއްވާނެއެވެ.

މާތްﷲ ވަޙީކުރައްވާފައިވެއެވެ.

﴿ وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ﴾

މާނައީ: ” އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، ރިޒުޤުދެއްވާ، އެންމެހެޔޮ އިލާހެވެ.”

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

((مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ))

މާނައީ: ”ޞަދަގާތުގެ ސަބަބުން އަޅާގެ މުދާ އުންޏެއް ނުވެއެވެ.“

 

މަޢުލޫމާތު: ދިސަލަފިއްޔާ