English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) ގެ ރައީސް މުޙައްމަދު ނާޒިމް ގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި ހަތަރުހާސް ރުފިޔާއަށް ކުޑަކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެމް.އެން.ޕީ ގެ ކްލަބްހައުސް އިވެންޓް ސިލްސިލާގެ ރޭގެ އެޕިސޯޑްގައި އިވެންޓުގެ ބައިވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ.

ހިޔާ ފްލެޓްތަކުގެ ވެރިން މިހާރު ދައްކަންޖެހެނީ ކުލީގެ ގޮތުގައި މަހަކު 7500 ރުފިޔާ އާއި މެއިންޓަނަންސް ފީ މަހަކު 1000 ރުފިޔާ އާއެކު މަހަކު ޖުމްލަ 8500 ރުފިޔާއެވެ. މި ކުއްޔަކީ މާ ބޮޑު ޢަދަދެއް ކަމުގައި ހިޔާ ފްލެޓްތަކުގެ ވެރިން ބުނަމުން ގެންދެއެވެ.

އެގޮތުން ހިޔާ ފްލެޓްވެރިން އެކަމާ ގުޅިގެން އިހުތިޖާޖްކޮށް ކުލި ކުޑަކުރަން ގޮވާލާފައިވެއެވެ. 2021 ވަނަ އަހަރު އެމީހުން ބޭއްވި އިހުތިޖާޖެއްގައި ގޮވާލާފައިވަނީ ކުލި 5000 ރުފިޔާއަށް އަދި މެއިންޓަނަންސް ފީ 600 ރުފިޔާއަށް ކުޑަ ކުރުމަށެވެ.

ނާޒިމްގެ ސަރުކާރެއްގައި ހިޔާ ފްލެޓްތަކުގެ ކުލި މަހަކު 4000 ރުފިޔާއަށް ކުޑަކުރައްވާނެ ކަމަށް ވިދާޅުވެ، އެކަަން ކުރެއްވޭނެ ގޮތުގެ ބައެއް ތަފްޞީލުވެސް ނާޒިމް ދެއްވިއެވެ. އެއީ ހިޔާ ފްލެޓް ހެދުމަށް ނަގާފައިވާ ލޯން ރީސްޓްރަކްޗާ ކުރައްވާނެ ކަމަށެވެ.

ނާޒިމް އަކީ އެމް.އެން.ޕީ ގެ ރިޔާސީ ކެންޑިޑޭޓެވެ.