English Edition
Dhivehi Edition

މާލޭ ސިޓީ ކައުންސިލުގެ ބައެއް ލިޔެކިޔުންތައް ސްކޭން ކުރުމުގެ ބޮޑުބައެއް ނިމިއްޖެ އެވެ.

މިއީ މާލެ ސިޓީގެ ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް މުޅި މާލެ ސިޓީގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން ޚިދުމަތްތައް ހޯދުމަށް މަގު ފަހިކޮށްދިނުމަށްޓަކައި އެ ކައުންސިލުން ފަށާފައިވާ “ޑިޖިޓަލް މާލެ” މަޝްރޫއެކެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން ޑޮކިއުމެންޓްތައް ސްކޭން ކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިންމާލެވިފައެވެ.

“ޑިޖިޓަލް މާލެ” ޝިއާރުގެ ދަށުން މާލެ ސިޓީ ކައުންސިލުން ވަނީ ވައިޓަލް ރަޖިސްޓްރޭޝަން ޑިޕާޓްމެންޓް، ލޭންޑް ޑިޕާޓްމެންޓް، ޕްރޮކިއުމެންޓް ޑިޕާޓްމެންޓް އަދި ހިއުމަން ރިސޯސް (އެޗްއާރް) ޑިޕާޓްމެންޓު އަދި އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން ވަނީ ސްކޭން ކުރުމުގެ ބޮޑު ބައެއް ނިންމާލާފަ އެވެ.

ވައިޓަލް ރެޖިސްޓްރޭޝަނުން ވަނީ ދެ ވައްތަރެއްގެ ޑޮކިއުމެންޓެއް ސްކޭންކޮށްފަ އެވެ. އެއީ މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓާއި އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީ އެވެ.

މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓް ވަނީ 2016 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އެއްކޮށް ނިންމާލާފައެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީ ކުރި ހުރިހާ ލިޔެކިއުމެއް ވަނީ ސްކޭންކޮށް ނިންމާފަ އެވެ.

ލޭންޑް ޑިޕާޓްމެންޓުން ވަނީ 3 ވައްތަރެއްގެ ލިޔެކިއުންތަކެއް ސްކޭންކޮށްފަ އެވެ. އެއީ ވަކިކަމަކަށް އިމާރާތް ބޭނުން ކުރުމުގެ ހުއްދަ 2016 އިން ފެށިގެން 2022 ހަމައަށް ވަނީ ސްކޭންކޮށް ނިންމާފަ އެވެ. 2019 ވަނަ އަހަރުގެ ވެހިކަލް ގަރާޖް ރަޖިސްޓްރޭޝަން އެއްކޮށް އަދި މާލެ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދަ ވަނީ ސްކޭންކޮށް ނިންމާފަ އެވެ.

އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން ވަނީ ހަތަރު ވައްތަރެއްގެ ލިޔެކިއުމެއް ސްކޭންކޮށް ނިންމާފަ އެވެ.

އެގޮތުން 2016 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ހުއްދައާއި ބޯޑު ދޫކުރި ކަމުގެ ލިޔުންތައް އެއްކޮށް ވަނީ ސްކޭންކޮށް ނިންމާފައެވެ. އަދި ހަމަ އެ މުއްދަތުގައި ބިލް ކުރާ ގޮތައް ދޫކުރާ ފޯމްތަކުގެ 95 އިންސައްތަ ވަނީ ސްކޭންކޮށް ނިންމާލެވިފަ އެވެ. އެ ޑިޕާޓްމެންޓުން ވަނީ 2016 ވަނަ އަހަރުން 2023 ވަނަ އަހަރަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ފައިސާގެ ރަސީދުގެ 70% އަދި ބިތްގަނޑު ފޯމުގެ 80 ސްކޭންކޮށްފަ އެވެ.

ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ލިޔެކިޔުންތަކުގެ 85% އަދި އެޗްއާރް ޑިޕާޓްމެންޓްގެ ހުރިހާ ލިޔެކިޔުންތައް ވަނީ ސްކޭންކޮށް ނިންމާފަ އެވެ.

“ޑިޖިޓަލް މާލެ” ޝިއާރުގެ ދަށުން 82900 ލިޔެކުން ވަނީ ސްކޭން ކުރެވިފައެވެ. އެއީ 981000 ސަފްހާއެވެ.

“ޑިޖިޓަލް މާލެ” މަޝްރޫޢުއަކީ މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއް އަމާޒެވެ.