English Edition
Dhivehi Edition

ރާއްޖޭގެ ކޮންމެ ރަށަކީވެސް މުއްސަނދި ތާރިހަކާއި އެކު ދިރިއުޅުމުގައި އަމިއްލަ ވައްޓަފާޅި ތަކެއް ގެންގުޅެމުންދާ ބައެއް ދިރިއުޅެމުންދާ ތަނެކެވެ. އިހު މީހުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިއްމު ވާހަކަތަކާއި ތާރީޚް ގައި ހިނގާފައިވާ މުހިއްމު ހާދިސާތަކަކީ ކުރިއަށް އޮތް ޖީލުތަކަށް އެނގެން ޖެހޭ އިބްރަތްތެރި ވާހަކަތަކެކެވެ. މި ވާހަކަތައް މިހާރުގެ ޒުވާނުންނަށް ކިޔައިދިނުމަކީ ރަށުގެ ތާރިޚް އެނގޭ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެކެވެ. އައްޑޫ އަތޮޅު މީދުއަކީ މުއްސަނދީ ތާރިހެއް އޮތް ރަށެކެވެ. ދިވެހިރާއްޖޭގައިވާ އެންމެ ބޮޑު ގަބުރުސްތާން އޮތް މީދޫ އަކީ އެންމެ ފުރަތަމަ އިސްލާމީ ނޫރުގެ އަލިކަން ލިބުނު ރަށްވެސް މެއެވެ. މި ވާހަކަތަކާއި އިހުގެ މަޝްހޫރު އެތައް ވާހަކަތަކެއް އެންމެ ރަގަޅަށް އެނގޭ މީހަކީ މީދޫ ހައްވާރަނިއަގެ އިބްރާހިމްދީދީ (އިބްރާހިމްބެ)އެވެ. އޭނާގެ ފަތްފޮތް ތަކުގައި އެ ވާހަކަތައް އަކުރުން އަކުރަށް ލިޔެފައިވަނީ ވަރަށްވެސް ފުރިހަމައަށެވެ. މި ރަމަޟާން މަހު މީދޫގެ ގިނަ މީހުން ރޯދަކުރުކުރުމަށްޓަކައި ކުރަމުންދާ އެއްކަމަކީ އިބްރާހިމްބެގެ ދުލުން މީދޫގެ ތާރީހީ ވާހަކަތައް އަޑުއެހުމެވެ. ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ހަވީރު ގަނޑޮވަރު ފަންނު ޕާކްގައި އިބްރާހިމްބެ އޭނަގެ ފޮތްތަކުގައި ރައްކާކޮށްފައިވާ ވަހަކަތައް ކިޔައިދެމުންދެއެވެ. މިފަދަ ކަމެއް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ހުސްވަގުތު ހެޔޮގޮތުގައި ބޭނުންކުރުމާއެކު މައުލޫމާތު މުއްސަނދިކޮށް އަންނަން އޮށް ޖީލްތަކަށް މިވާހަކަތައް ފޮރުކޮށް ދިނުންކަމުގައި އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ. “މީ ވާފިރްގެ އެދުމަކަށް އިބްރާހިމްބެ ފެށި މަސައްކަތެއް. ވަރަށް އިބްރަތްތެރި އަޑުއަހާ ހިތްވާ ކަހަލަ ވާހަކަތަކެއް ކޮންމެ ދުވަހަކު އިވިގެންދާ” އިބްރާހީމްބެގެ ވާހަކަތައް ފޫހިކަމެއްނެތި ކޮންމެ ދުވަހަކު އަޑުއަހަމުންދާ ޒުވާނަކު ބުންޏެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކަތަކާއި، ކަޅިހާރި ވެޑި ބެހުނު ވާހަކަތައް ފަދަ އެތައް ވާހަކަތަކެއް އިބްރާހިމްބެ ކިޔައިދެމުން އަންނަ އިރު މީގެ ތެރެއިން ގިނަ ވާހަކަތަކަކީ މީހުންނަށް ކުރިން އެނގިފައިނުވާ ވަހަކަތެކެކެވެ. “ކުރިން ދުވަހަކުވެސް އަޑުއަހާފައި ނުވާ ގިނަ ވާހަކަތަކެއް އެނގިއްޖެ. މީ ވަރަށް ރަގަޅު ކަމެއް.މީ އެއްދުވަހު އަޑުއަހައިފިއްޔާ އަނެއް ދުވަހުވެސް އަޑުއަހަން ބޭނުންވާފަދަ ޝައުގުވެރި ވާހަކަތަކެއް. ” އިބްރާހިމްގެ ވާހަކަ އަޑުއަހާ ފަރާތަކުން ބުންޏެވެ ކުޜިގެ ތާރީހީ ވާހަކަތައް އަޑުއެހުމަށްޓަކައި އަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މީ ރޯދަކުރުކޮށްލަން ވަރަށްވެސް ރަގަޅު ގޮތެކެވެ. މި ވާހަކަތަކަކީ މިހާރުގެ ޒުވާނުންނަށް އެތައް ގިނަ އިބްރަތްތަކެއް ލިބިގެންދާ ފަދަ ވާހަކަތަކެކެވެ. ކާބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅީއާއި ދިރިއުޅެފައިވާ ގޮތަކީ ކޮންމެ ދަރިއަކުވެސް ދެނެގަންނަން ބޭނުންވާނެ ވާހަކަ ތަކެކެވެ. މީދޫގެ ތާރީހީ ވާހަކަތައް އެންމެ ރަގަޅަށް އެގޭ މީހަކީ އިބްރާހިމްބެކަން ޔަގީނެވެ. މިއަހަރު ރޯދަމަހު ރޯދަކުރުކޮށްލުމަށްޓަކައި އިބްރާހިމްބެއާއި އެކު ކާބަފައިންގެ ޒަމާނަށް ދަތުރުކޮށްލުމަކީ ހަމަ ޔަގީނުންވެސް ޝައުގުންފުރިގެންވާ ގިނަ ކަންތައްތަކެއް އެގިގެންދާނެ ދަތުރަކަށްވާނެއެވެ.