English Edition
Dhivehi Edition

“ކެއްސާ ކިނބިހި އަޅުއްވާއިރު އަނގަޔާއި ނޭފަތް ނިވާކުރައްވާ” ޓީވީތަކާއި ރޭޑިއޯތަކުން އަބަދުމެ ދޭނަސޭހަތަކީ މިއީއެވެ. ވަޒީފާއެއްގައި އުޅުނުކަމުގައިވިޔަސް ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި މުޅިރާއްޖެ ލޮކްޑައުން ކުރެވިފައިވާ ކަމުން ގެއިން ބޭރަށް ދެވެނީވެސް ޒަރޫރީ ބޭނުމެއްގައެވެ. ފޫހި ފިލުވުމުގެ ބޭނުމުގައި ރައްޓެހި ކުއްޖަކު ބުނެގެން މޯބައިލް ފޯނަށް “ކްލަބްހައުސް” އެޕްލިކޭޝަން އެޅިއެވެ. އެރޭ ޢިޝާ ނަމާދު ކޮށް ނިމިގެން އެޕްލިކޭޝަން އެކްޓިވޭޓް ކުރުމަށްފަހު އެޕްލިކޭޝަން ހުޅުވާލިއެވެ. “އޭ އޯ ދެކުނު ޚަބަރު” މި ސުރުޚީ ޖަހާފަ އިންތަނަށް ފިއްތާލިއެވެ. ފިއްތާލުމާއެކު ކަންފަތުގައި އެ ޖެހުނު އަޑަކީ ކިއާރާ ފާއިތުވި 7 އަހަރު ތެރޭގައި އަޑުއަހަން ކެތް މަދުވެފައިވާ އަޑެވެ. އާއެކެވެ. އަޔާންގެ އެ ޖާދުވީ އަޑެވެ. ވަގުތުން ރަހްމަތްތެރި ކުއްޖާއަށް ގުޅިއެވެ. އަދި އެ އެޕްލިކޭޝަން މެދުވެރިކޮށް މެސެޖް ކުރެވޭނެ ގޮތެއް ހޯދިއެވެ. “އެކަކު އަނެކަކަށް ފޮލޯކުރީމަ ރޮކެޓު(މެސެޖް) ކުރެވޭނެ” ޝަޒްރާގެ މި އުންމީދީ ވާހަކަވެގެން ދިޔައީ ކިއާރާގެ މިކަމުގައި ކުރިޔަށް ހިނގަން އިތުރު ފިޔަވަޅަކަށެވެ.

ހެނދުނު ހޭލެވުމާއެކު އެންމެ ފުރަތަމަ ވެސް ބަލާލެވެނީ އަޔާން އިނީ ކްލަބްހައުސްގެ ކޮން ރޫމެއްގަ ތޯއެވެ. އެ ހިތްގައިމު އަޑުއަހަމުން ދުވަސް ފެށުމުގެ ބޭނުމުގައެވެ. ހެނދުނު ގަޑި ނޫނީ ދެން އަޔާންގެ އަޑުއިވޭނީ ބޮޑުފެންޑާ ކްލަބްގެ މަދަޙަ ޘަނާ އާއި ދުޢާ މި ޕްރޮގްރާމް ހުށަހަޅާވަގުތުގައެވެ. މަދަޙަ ކިޔަން ޝައުގުވެރި ވާތީއާއި އަޔާންއާއި ކިރިޔާވެސް ވާހަކަ ދެއްކެނީ އެގަޑީގައި ކަމަށް ވުމާއެކު ކޮންމެ ރެޔަކު އިރު އޮއްސި 6:30 އިން 7:30 އަށް މަދަޙަ ކިޔަން ދެވެއެވެ.

ކިއާރާގެ ކެތްތެރިކަން ކޮޅުންލީ ނަމަވެސް އަޔާން އަށް މެސެޖް ކުރަން ޖެހިލުން ވިޔެވެ. ނަމަވެސް ޖުލައި 26 ވީދުވަހު މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖް އެއް އަޔާން އަށް ފޮނުވިއެވެ. އޭގެ ޖަވާބު އައީ ހީ ކޮށްގެން ހުރިގޮތާ މުޅިން ޚިލާފަށެވެ. މީގެ ހަތް އަހަރު ކުރީގައިވެސް އަޔާންގެ މަޖާ މިޒާޖުގައެވެ. ” ހެޕީ ޖުލާން ސައްބީސް ޑޭ” މިގޮތަށެވެ. ނަސީބު ދިމާކުރިގޮތުން އަޔާން އަނެއްކާވެސް މެސެޖް އެއް ކޮށްފިއެވެ. ” މިރޭ މަދަހަ ކިޔަންތަ؟” އާނއެކޭ ބުނުމަށްފަހު ކިއާރާ މެސެޖް ކުރަން ފެށިއެވެ. އަޔާން އިގޭ ވާހަކަ އާއި ކިހިނަތް ދިމާވި މީހެއްކަން މެސެޖް ކުރިއެވެ. އަޔާން ވެސް އެހާދުވަސް ވުމުން އަޑު އިވިގެން ފާހަގަކުރަން ނޭގުނު ކަމަށް ބުންޏެވެ. އަދި ނަންބަރު ދިނުމަށް އެދުނެވެ. ކިއާރާ އަވަސް އަވަހަށް ނަންބަރު ދިނެވެ.

-ނުނިމޭ-