English Edition
Dhivehi Edition

ނަމާދަކީ، އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އީމާންކަމުގައި ނަމާދުގެ މަޤާމަކީ، ހަށިގަނޑުގައި ބޮލުގެ މަޤާމެވެ. ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވަނީ، ނަމާދަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ނަމާދު ކުރުމަށް އަންގަވައި އަމުރުކުރައްވާފައިވަނީ، ވަރަށް ވެސް ގަދަ އަމުރުންނެވެ. މާތްﷲ އަންގަވާފައިވެއެވެ.

إنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَوْقُوتًا) އައްނިސާ: 103)،

މާނައީ، “ހަމަކަށަވަރުން ނަމާދަކީ، މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއް ކަމުގައި ވެއެވެ.”

ނަމާދުކުރުމަށް އަންގަވައި، ނަމާދު ނުކުރާ މީހުންނަށް ވަރަށް ވަރުގަދަ އިންޒާރުން އިންޒާރު ދެއްވާފައިވެއެވެ. ފަހެ، ނަމާދަކީ، ދީނުގެ ތަނބެވެ. ދީނުގައި އޭގެ މިސާލަކީ، ފޭލިގެއެއްގެ މެދުގައި ޖަހާފައި ހުންނަ ދަނޑީގެ މިސާލެވެ. އެ ދަނޑި ވައްޓާލައިފިނަމަ، ފޭލިގެ ކޮޅަކަށް ނުހުންނާނެއެވެ. ހަމައެފަދައިން، ނަމާދާއި ނުލައި މީހެއްގެ އިސްލާމްކަން ސީދާ ނުވާނެއެވެ.

އިބްނު ޢުމަރު ރަޟިޔަ ﷲ ޢަންހުމާ ރިވާކުރައްވާފައިވެއެވެ.

أَنَّ النَّبِيَّ صَلَّى الله عَلَيهِ وَسَلَّم قَالَ: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ

މާނައީ، “ހަމަކަށަވަރުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އިސްލާމްދީން ބިނާވެފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ. (އެ ފަސްކަމަކީ) ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަން ވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ކުޅަދާނަ ވެގެންވާ މީހާ ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާން މަހު ރޯދަ ހިފުމެވެ.”

ނަމާދަކީ އެންމެ ހެޔޮ ޢަމަލެވެ. ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ދުނިޔެއާ ވަކިވެވަޑައިގަތުމުގެ ކުރިން މި އުންމަތަށް ކުރެއްވި އެންމެ ފަހު ވަޞިއްޔަތްޕުޅު ވެސް ކުރައްވާފައިވަނީ ނަމާދުކުރުމުގެ މައްޗަށެވެ. އިތުރު އެކަލޭގެފާނު އެންމެފަހުން ޙަދީޘްކުރައްވަމުން ގެންދެވި ބަސްފުޅަކީ،

الصَّلاَة وَمَا مَلَكَتْ أَيْمَانُكُمْ މިއެވެ.

މާނައީ، “ނަމާދުކުރުން މަތީ ދެމިތިބުމަށް ތިޔަބައިމީހުން ފަރުވާތެރިވާށެވެ! އަދި ނަމާދުކުރުމާމެދު ތިޔަބައިމީހުން ފަރުވާކުޑަނުކުރާށެވެ!”

ޤިޔާމަތްދުވަހު، މީސްތަކުންގެ ޙިސާބު ބައްލަވާއިރު، އެންމެ ފުރަތަމަ ބައްލަވާނީ، ނަމާދުގެ ޙިސާބެވެ. އަބޫހުރައިރަތުގެފާނު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.

(أَوَّلُ مَا يُحَاسَبُ بِهِ الْعَبْدُ صَلاَتُهُ، فَإِنْ كَانَ أَكْمَلَهَا وَإِلَّا قَالَ اللَّهُ عَزَّ وَجَلَّ: انْظُرُوا لِعَبْدِي مِنْ تَطَوُّعٍ فَإِنْ وُجِدَ لَهُ تَطَوُّعٌ، قَالَ: أَكْمِلُوا بِهِ الْفَرِيضَةَ

މާނައީ، “އަޅާގެ މައްޗަށް (ޙިސާބު ބެއްލެވޭއިރު) އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ، އޭނާގެ ނަމާދާމެދުގަ އެވެ. އޭނާ (ފަރުޟު) ނަމާދު ފުރިހަމައަށް ކޮށްފައި ނުވާނަމަ، މާތް ﷲ، ނިދާ އިއްވަވާނެތެވެ. ތިމަންރަސްކަލާނގެ އަޅާ، ތަޠައްވުޢު ނަމާދެއް ކޮށްފައިވޭތޯ ބަލާށެވެ! ފަހެ، އޭނާ ތަޠައްވުޢު ނަމާދެއް ކޮށްފައިވާނަމަ، އެކަލާނގެ ނިދާ އިއްވަވާނެތެވެ. އޭނާގެ ފަރުޟު ނަމާދުތައް އެއިން ފުރިހަމަކުރާށެވެ!”

ނަމާދުކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާވަރު ނިކަން ބައްލަވާށެވެ! ރަށުގައި ޤާއިމުވެ ތިބެގެންނާއި ދަތުރުމަތީގައްޔާއި އަމާންކަމުގައި ތިބޭއިރުގައްޔާއި ބިރުވެރިކަން ކުރިމަތިވެފައިވާ ދަނޑިވަޅުގައި ވެސް ނަމާދުކުރުމަށް ވަނީ މުސްލިމުންނަށް އަމުރުކުރައްވާފައެވެ. މުސްލިމުންނާއި އެބައިމީހުންގެ ޢަދުއްވުން ހަނގުރާމައިގެ މައިދާނުގައި ބައްދަލުވާ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް ނަމާދުކުރުމަށް ވަނީ އަންގަވާފައެވެ.

ނަމާދު ނުކޮށް ރަމަޟާންމަހު ރޯދަ ހިފުން

ހާލަކުން ފަހަރު ނޫނީ މިސްކިތަށް ނާރާ ބައެއްމީހުންވެސް އަދި އެއްގޮތަކަށް ނަމާދު ނުކުރާ މީހުންވެސް ރަމަޟާން މަހު ރޯދަ ހިފައެވެ. އަދި އާންމުކޮށް ނަމާދު ކުރާ ބައެއްމީހުންވެސް ރޯދަމަހު އެންމެ ފުރިހަމައަށް ނަމާދުތައް ނުކޮށް ނަމާދަށް ފަރުވާކުޑަކުރެއެވެ. ސުވާލަކީ މިގޮތަށް، ނަމާދު ނުކޮށް ރޯދަ ހިފާ މީހާގެ ރޯދަ މާތްﷲ ގަބޫލު ކުރައްވާނެހެއްޔެވެ؟ މިކަމާމެދު އިލްމުވެރިންގެ ދެރައުޔެއް އޮވެއެވެ.

ފުރަތަމަ ރައުޔު:

ނަމާދު ނުކުރާ މީހާ ހިފާ ރޯދަ ޞައްޙައެއް ނުވާނެއެވެ. މިރައުޔުގެ އިލްމުވެރިން ބުނާ ގޮތުގައި، ނަމާދަކީ ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަމަށް އިންކާރު ކުރިޔަސް ނުވަތަ ނުކުރިޔަސް، ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮ އަމަލެއް ﷲ ގަބޫލެއް ނުކުރައްވާނެއެވެ. އެހެނީ ނަމާދު އަޅައިފިނަމަ އޭނާ އެވަނީ ކުފުރު ވެފައެވެ. ހަދީސްތަކުން އެނގޭގޮތުގައި ނަމާދު އެޅުމަކީ މީހާ ކުފުރުވާނެ ކަމެކެވެ. ކާފަރުން ހިފާ ރޯދަ މާތްﷲ ގަބޫލެއް ނުކުރައްވާނެއެވެ.

ދެވަނަ ރައުޔު:

މިރައުޔުގެ އިލްމުވެރިން ދެކޭގޮތުގައި، ނަމާދު ކުރުމަކީ ވާޖިބެއްކަމަށް ގަބޫލުކުރުމާއެކު، ކަންނެތްކަމުން ނުވަތަ ޣާފިލުކަމުގެ ސަބަބުން ނަމާދު އަޅާމީހާ ހިފާ ރޯދަ ޞައްޙަވާނެއެވެ. ސަބަބަކީ އެފަދަ މީހާއަކީ މިއްލަތުން ބޭރުވެގެންދާ ފަދަ ބޮޑު ކުފުރަކުން ކުފުރުވެފައިވާ މީހެއްކަމުގައި ނުވެއެވެ.

އިލްމުވެރިންގެ ރައުޔުތަކަށް ބަލާއިރު، ނަމާދު އަޅާ މީހާ ކުރާ ހެޔޮ އަމަލުތައް ޞައްޙަވުމާއި ނުވުން ގުޅިފައިވަނީ ނަމާދު އަޅާމީހާ ކުފުރުވުމުގެ މައްސަލައާއެވެ. އެގޮތުން؛ ނަމާދު އެޅުމުން އެއްވެސް ޝަރުތަކާނުލައި ކުފުރުވާނެކަމަށް ބުނާ އިލްމުވެރިން ދެކޭގޮތުގައި ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮ އަމަލެއް ގަބޫލުވެވިގެން ނުވެއެވެ. އެހެންނަމަވެސް، ނަމާދުގެ ފަރުޟިއްޔަތަށް އިންކާރު ކުރުމަކާނުލައި، ކަންނެތްކަމުން ނުވަތަ ޣާފިލުކަމުން ނަމާދު އަޅާމީހާއަކީ މިއްލަތުން ބޭރުވާ ބޮޑު ކުފުރުން ކުފުރު ވެފައިވާ މީހެއްނޫނެވެ. އެހެންކަމުން އެފަދަ މީހާގެ އެހެނިހެން ހެޔޮ އަމަލުތައް މާތްﷲ ގަބޫލުކުރައްވާނެއެވެ.

މިކަމާ ބެހޭގޮތުން ޑރ. ޔޫސުފުލްޤަރުޟާވީ ވިދާޅުވެފައި ވެއެވެ. ސަލަފުންނާއި ޚަލަފުންގެ ގިނަ ފިޤުހުވެރިން ދެކޭގޮތުގައި، ނަމާދު އަޅާ މީހާއަކީ ފާސިޤެކެވެ. ކާފަރެއްނޫނެވެ. އެހެންކަމުން ނަމާދު ނުކުރާމީހާވެސް ރޯދަ ހިފާނަމަ އެ ރޯދަ ﷲ ގަބޫލު ކުރައްވާނެއެވެ. މާތްﷲ ގެ އަޅަކު ކޮށްފި އެއްވެސް އަމަލެއް އެކަލާނގެ ގެއްލެނި ނުކުރައްވާނެއެވެ. އަދި ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް އެކަލާނގެ އެއްވެސް ނަފުސަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވާނެއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ (ޒަލްޒަލާ: 7-8) މާނައީ: “ފަހެ، ޒައްރެއްގެ މިންވަރު ވިޔަސް، ހެޔޮކަމެއް ކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރު ވިޔަސް، ނުބައިކަމެއް ކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ.” ވީމާ، ނަމާދު ނުކުރާމީހެއް ވިޔަސް ރޯދަ ހިފާނަމަ، އޭނާ ހިފާ ރޯދައަށް ސަވާބު ލިބޭނެއެވެ. އޭނާއަށް އޮންނާނީ ނަމާދު ނުކުރުމުގެ ފާފައެވެ. ނަމާދު ނުކުރުމަކުން އޭނާ ކުރާ އެހެނިހެން ހެޔޮ އަމަލުތަކުގެ ސަވާބު ގެއްލިގެނެއް ނުދާނެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلا تُظْلَمُ نَفْسٌ شَيْئًا وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِبِينَ (އަންބިޔާއު: 47) މާނައީ: “ތިމަންރަސްކަލާނގެ ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމު ކުރައްވާހުށީމެވެ. ފަހެ، އެއްވެސް ނަފުސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ.”

އަދިވެސް ޤަރުޟާވީ ވިދާޅުވެފައި ވެއެވެ. އަމަލީ އަދި ތަރުބަވީ ނަޒަރަކުން ބަލާއިރު، ނަމާދު ނުކޮށް ރޯދަ ހިފާމީހާގެ ރޯދަ ބާތިލުވާނެކަމަށާއި އޭނާގެ ރޯދައަށް އެއްވެސް ސަވާބެއް ނުލިބޭނެކަމަށް ބުނުމުން އޮތީ ކޮންފައިދާއެއްހެއްޔެވެ؟ އެގޮތަށް ބުނެފިނަމަ، އޭނާ ނަމާދު އަޅާފަދައިން ރޯދަ ހިފުންވެސް ހުއްޓައިލުން އެކަށީގެން ވެއެވެ. އެހެންވެއްޖެނަމަ، ފަރުޟާއި އަޅުކަމުގެތެރެއިން އޭނާއާ އިސްލާމްދީނާ ގުޅިފައިވާ އެންމެ ފަހު ވާފަށް (އެބަހީ: ރޯދަ ހިފުން) ވެސް ކެނޑިގެން ހިނގައިދާނެއެވެ. އަދި މިކަމުގެ ސަބަބުން ފަހަރެއްގައި އޭނާ އަބަދުގެ އަބަދަށް އިސްލާމްދީނާ ދުރަށް ދިއުންވެސް އެކަށީގެންވެއެވެ. ވީމާ އެންމެ އައުލާވެގެންވާ އަދި ފައިދާ ހުރި ގޮތަކީ، ނަމާދު ނުކޮށް ރޯދަ ހިފާ މީހާގެ ރޯދަވެސް ﷲ ގަބޫލުކުރައްވާނެ ކަމަށް ބުނުމެވެ. އަދި އެފަދަ މީހާއަށް އޮތީ އޭނާގެ އިސްލާމްކަން ފުރިހަމަ ކުރުމެވެ. (ތައުބާވެ) ނަމާދުތައް ބަރާބަރަށް ކުރުމެވެ. އެއީ ރޯދައަށްވުރެ މަތިވެރިވެގެންވާ އަޅުކަމެކެވެ.

ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތަކީ ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ނަމާދާއި ރޯދައާއި ގުޅިގެން ލިޔެފައިވާ ބައެއް ލިޔުންތަކުން ނެގިފައިވާ މަޢުލޫމާތުގެ އަލީގައި ލިޔެފައިވާ ލިޔުމެކެވެ.