English Edition
Dhivehi Edition

މިސަރުކާރުން ރާއްޖޭގެ ތައުލީމަށް ގެންނަމުންދާ ބަދަލުތައް އަންނަނީ ކާމިޔާބުވަމުން ކަމަށް ތައުލީމާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ސްކޫލް ހެލްތު ސްކްރީން ޕްރޮގްރާމް ފަށްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ތައުލީމާ ބެހޭ ވަޒީރު ޑޮކްޓަރ އައިޝަތު ޝިހާމް ވިދާޅުވީ ތައުލީމަށް އަންނަ ހެޔޮބަދަލުގެ އުފާވެރިކަން ދަރިވަރުންނާއި މުޅި ގައުމަށް މިހާރު ލިބެމުންދާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ތައުލީމަކީ ކޮންމެ ކުއްޖަކަށްވެސް ލިބެންޖެހޭ ހައްގެއް ކަމަށެވެ. އެ ހައްގު ކޮންމެ ދަރިވަރަކަށްވެސް ވަނީ ކަށަވަރުކޮށްދެއްވައިފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން އުނގެނުމުގެ ފުރުސަތުން ދަރިވަރުން މަހްރޫމް ވިޔަނުދިނުމަށް ވަރަށް މަސައްކަތްކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. “މި މިސްރާބަށް ވާސިލްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީންގެ ސަރުކާރުން ތައުލީމީ ދާއިރާއަށް ކަނޑައަޅުއްވާފައިވާ މައި ސިޔާސަތު ކަމުގައިވާ ތަހުޒީބު މުޖުތަމައަކަށް ތަރުބަވީ ތައުލީމު ދިނުމުގެ އެންމެ މުހިއްމު އަސާސަކީ އެންމެކުއްޖަކުވެސް ބާކީ ނުކުރުން،” ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ދަރިވަރެއްގެ ތައުލީމާ ގުޅިފައިވާ ވަރަށްގިނަ ކަންތައްތަކެއްވޭ. އޭގެ ތެރޭގައި ދަރިވަރުގެ ސިއްޙަތާއި، އެ ދަރިވަރަކަށް ތަޢުލީމު އުގެނުމުން މަހްރޫމްވެދާނެ ނުރައްކާ ނުވަތަ ރިސްކުތަކެއް ހުރެދާނެ. އެހެންކަމުން، މި ސަރުކާރުގެ މުޅި ތައުލީމީ ސިޔާސަތު ބިނާވެފައިވަނީ ދަރިވަރަށް އުގެނުމަށް ފަހި، ރައްކާތެރި މާހައުލެއް ބިނާކޮށްދިނުމާއެކު، ދަރިވަރު ޝައުގުވެރިވާ ދާއިރާއިން ކުރިއަށްދިއުމުގެ މައްޗަށް،” ކަމަށްވެސް ޑރ. އާއިޝަތު ޝިހާމް ވިދާޅުވިއެވެ.

ކުދިންގެ ތަޢުލީމާ އެއްވަރަށް އެކުދިންގެ ސިއްހީގޮތުން ދުޅަހެޔޮ ދަރިވަރުންތަކަށް ކުދިން ހެދުމަށް ސަމާލުވުމަށްވެސް ވަޒީރު ވިދާޅުވިއެވެ. “ސިއްހީގޮތުން ދަރިވަރަށް ދިމާވާ މައްސަލަ ޅަފަތުގައި ދެނެގަނެވިއްޖެނަމަ، އެ ބައްޔަށް ފަރުވާކުރަން ފަސޭހަވެގެންދޭ. އަދި ދަރިވަރަށް ކިޔެވުމުގައި ކުރިއަށް ދިއުމަށް ހިއްވަރު ލިބިގެންދޭ. އެހެންކަމުން، ދަރިވަރުންގެ ސިއްހީ ކަންތައްތައް ބެލުމަށް، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ފުރަތަމަ ފަހަރަށް ހެލްތު ސްކްރީނިންގ ތަޢާރަފްކޮށް، 2014 ވަނަ އަހަރު އެ ޕްރޮގްރާމް ކުރިއަށް ގެންދަން ފެށިފައިވޭ،” ވަޒީރު ވިދާޅުވިއެވެ.

ފާއިތުވި 3 އަހަރު، އެ ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ ކަމުގައި އެޑިޔުކޭޝަނާއެކު މަސައްކަތް ކުރައްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މެޑިކަލް ޓީމަށާއި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު ދަންނަވަން.،” އައިޝަތު ޝިހާމް ވިދާޅުވިއެވެ.