English Edition
Dhivehi Edition

ސްރީލަންކަން އެއާލައިނާއި، ހިތަދޫ ރީޖަނަލް ހޮސްޕީޓަލް (އެޗުއާރުއެޗު) ގުޅިގެން ބޭއްވި ތިންދުވަހުގެ މެޑިކަލް ކޭމްޕް މިއަދު ނިންމައިލައިފިއެވެ.

ތިންދުވަހަށް ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ބަލިމީހުން ބަލައި ފަރުވާދީފައިވަނީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. ކޭމްޕުގައިވަނީ ޖުލް 418 މީހުން ބަލައިފައެވެ. އެއީ ނާރުގެ ބަލިތަކުގެ 150 މީހުންނާއި، ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާ ގުޅިގެން 95 މީހުންނާއި، ކަރުންމަތީގެ ބަލިތަކުގެ 110 މީހުންނާއި، އަންހެނުންގެ ޚާއްސަ ބަލިތަކުގެ 63 މީހުން ކަމަށް އެޗުއާރުއެޗުން މައުލޫމާތު ދެއްވިއެވެ.

ނަވަލޯކާ ހޮސްޕިޓަލުގެ 4 ސްޕެޝަލިސްޓް ޑޮކްޓަރުންވަނީ މިކޭމްޕުގައި ބަލިމީހުން ބަލައި ފަރުވާދީފައެވެ. އެއީ ކަރުން މަތީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، ކުޑަ ކަމުދާ ނިޒާމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލު ހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރ މުހައްމަދު ނަޖީބް ވިދާޅުވީ މި ކޭމްޕަށްވަނީ ވަރަށްބޮޑު ތަރުހީބެއް ލިބިފައި ކަމަށެވެ.

ސްރީލަންކަން އެއާލައިންސްގެ އައްޑޫ އޭރިއާ މެނޭޖަރު ސުމަން އުދަޔަކުމާރު މި ކޭމްޕުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ފަސޭހައެއް ލިބިގެންދިޔަ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކުރިއަށް ތަނުގައިވެސް މިފަދަ ކޭމްޕެއް އިންތިޒާމް ކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.