English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ 5 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ އައިސްޑް ހޮޓް ޗޮކްލެޓް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:(1 ތަށްޓަށް)

2 ޖޯޑު ދިޔާކިރު (ވަކިން 2 ޖޯޑަށް އަޅާފައި)

4 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

ރަހަލާވަރަށް ހަކުރު

ގާނިޝް ކުރުމަށް (ޗޮކްލެޓް އައިސް ކްރީމް / ވިޕިންގް ކްރީމް ޓޮޕިންގ)

ތައްޔާރުކުރާނެގޮތް:

1 ޖޯޑު ކިރާއި 2 ސަމުސާ ކޮކޯޕައުޑަރ އެއްކޮށްފައި ރަނގަޅަށް ގިރާލުމަށްފަހު އައިސް ކިއުބްޓްރޭ އަކަށް އަޅާފައި ގަނޑު ކުރަން ފްރިޖްގައި ބަހައްޓާށެވެ. އަނެއް ޖޯޑުގައި ހުރި ކިރު ކުޑަކޮށް ހޫނު ކޮށްލާފައި އެއަށް ރަހަލާ ވަރަށް ހަކުރު އަޅާފައި ކޮކޯޕައުޑަރ އެއްކޮށްފައި ގޮށް ނުލާވަރަށް ގިރާލާށެވެ. ދެން ބިއްލޫރި ތަށްޓެއް ނަގާފައި އޭގެ ތެރެއަށް ތައްޔާރު ކުރި ޗޮކްލެޓް މިލްކް އެޅުމަށްފަހު ގަނޑު ކޮށްފައި ހުރި ކޮކޯ ކިއުބްސް އަޅާފައި ގާނިޝް ކޮށް ލުމަށް މައްޗަށް ވިފިންގް ކްރީމް ނުވަތަ ޗޮކްލެޓް އައިސްކްރީމް ސްކޫޕެއް އަޅާފައި ސާރވް ކުރާށެވެ.