English Edition
Dhivehi Edition

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަޚުލާޤުގެ ތެރޭގައި އިންސާނާ އޭނާގެ ވެރި ރަސްކަލާނގެ އާމެދު ޢަމަލުތައް ބަހައްޓަންޖެހޭ ގޮތާއި އޭނާގެ އަމިއްލަ ނަފްސާމެދު ކަންކަން ކުރަންވީ ގޮތާއި އޭނާގެ ވަށައިގެންވާ އެހެނިހެން އިންސާނުންނާމެދު މުޢާމަލާތުކުރަންވީ ގޮތް ބަޔާންކުރައްވާފައިވެއެވެ.

އިންސާނާގެ އެންމެ އަގުބޮޑު ޖަވާހިރުކަމުގައިވާ އޭނާގެ ބުއްދި ޙިމާޔަތްކުރުމަށްޓަކައި، އިސްލާމީ ޝަރީޢަތުގައި ރާ ޙަރާމް ކުރެއްވިއެވެ. ޙައްޤާއި ބާޠިލްވަކިކޮށް ދެނެގަތުމުގެ ވަސީލަތަކީ ބުއްދިއާއި ފިކުރުމުގައިވާތީއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ) ( المائدة: 90-91) “އޭ އީމާންވީ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި ޖުވާ ކުޅުމާއި އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރި ގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައި މީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބުލިބޭތޯއެވެ. ޝައިޠާނާ އެދޭ ކަން ކަށަވަރީ ރާ އާއި، ޖުވާގެ ސަބަބުން ތިއަބައި މީހުންގެ މެދުގައި ޢަދާވާތްތެރިކަމާ، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ހުރަސް އެޅުމަށެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތައް ހުއްޓައިލާށެވެ.”

އަދި ޒިނޭ ޙަރާމްކުރައްވައި އިންސާނީ މުޖްތަމަޢުގެ ނަސްލު ޙިމާޔަތް ކޮށްދެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ ( وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلاً) (الإسراء: 32 ) މާނައީ : [ އަދި ތިޔަބައި މީހުން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަންބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހާ ނުބައި ވެގެންވެއެވެ.

އަދި ހަމަ އެއާއެކު އީމާންތެރި، ހެޔޮލަފާ، އަދި މައިންބަފައިންނަށް ކަމޭހިތާ، ކުޑަކުދިންނަށްއޯގާތެރި ފާހިޝް ކަންކަމުން ދުރުވެގެންވާ، ރަނގަޅުމުޖްތަމަޢެއްބިނާކުރެއްވުމަށް ބާރު އަޅުއްވައި ވަޙީކުރަށްވާފައިވެއެވެ: (۞ قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ) ( الأنعام: 151) މާނައީ : [ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާނަމެވެ. ތިޔަބައިމީހުން އެކަލާނގެ އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! މައިންބަފައިންނަށް ހެޔޮކޮންހިތާށެވެ! ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށްވެސް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ. ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ނުމަރާށެވެ! މިކަންތައްތަކާމެދު އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައި މީހުން ވިސްނުމަށްޓަކައެވެ.

އަދި ހަމަ އެހެންމެ އަބުރުވެރި ޢިއްފަތްތެރި ލާމަސީލު މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢުވުމަށްޓަކައި އެބައިމީހުންގެ ބެލުންތައް ތިރިކޮށް، ލަދުވެތިގުނަވަންތަކާއި މެދު ރައްކާތެރިވެތިބުމަށް ބާރުއަޅުއްވައި އަންގަވައެވެ : (قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ) ( النور: 30 ) މާނައީ : [ އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެބައިމީހުންގެ ޢައުރަ ރައްކައުތެރިކުރުމަށް، މުއުމިން ފިރިހެނުންނަށް ކަލޭގެފާނުވިދާޅުވާށެވެ. އެގޮތް އެބައިމީހުންނަށް ރައްކާތެރިކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ، އެބައިމީހުން ކަންތައް ކުރާގޮތް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

 

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޑރ ޝަހީމްޑޮޓްކޮމް އިން